ENGLISH
03 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޝަންގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދަނީ
28 އޯގަސްޓު 2025
|
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަދު އޮތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ބިލު އާއްމުންގެ ޚިޔާލަށް ހުޅުވާލުމަށް ހުށަހެޅުއްވީ، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ.
އެ ބިލަކީ މި ވަގުތު ކުރިއަށްގެންދިއުން މުހިއްމު ބިލެއް ކަމަށް ވިދާޅުވެ އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފްއެވެ.
އެއާއެކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށާއި، ކޮމިޓީއަށް، ބިލާބެހޭގޮތުން އާއްމުންގެ ޚިޔާލު ފޮނުވަން ވަނީ ހުޅުވާލައިފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ ބުދަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައެވެ.
އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ނުފެންނަކަމަށް 12 މެންބަރުން ވޯޓުދެއްވިއެވެ.
އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު މި ބިލު ހުށަހެޅުއްވިއިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް މިދިޔަ އަހަރުވެސް ހަންނާން ހުށަހެޅުއްވިއެވެ. އެ ބިލަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ އެ އިސްލާހުތައް އަނބުރާ ގެންދެވީއެވެ.