ENGLISH
03 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުމެއް ނުވޭ: ރައީސް
28 އޯގަސްޓު 2025
|
މީޑިއާތަކުގެ ބައެއް އިސް ބޭފުޅުންނާ ރައީސް ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
މީޑިއާތައް ރެގިއުލޭޓް ކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅު ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށެވެ. އަދި އެ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާޙް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށާއި، މި ސަރުކާރަކީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.،
ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.