ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމް ފަށައިފި

28 އޯގަސްޓު 2025

|

ޢަލީ ޝަހީމް

މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވަޒީރު އިބްރާހީމް ވަހީދު ވާހަކަދައްކަވަނީ. ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކޮންމެ އަހަރަކުވެސް ބާއްވާ މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމް މިއަދު ފަށައިފިއެވެ. 

މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމް ޝަރަފްވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދެވެ. މިއަހަރުގެ ފޯރަމް ކުރިއަށްދާނީ އޮގަސްޓް 29 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އެންޖީއޯ ގައުމީ ފޯރަމްގެ މަގްސަދު ތަކުގެ ތެރޭގައި މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުން ހިމެނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، ހަޤީގީ މާނައިގައި މަދަނީ ޖަމިއްޔާތަކަށް ބާރުވެރިކަން ލިބެންޖެހޭ ކަމަށާއި، އެގޮތުން ޖަމިއްޔާތަކަށް މާލީ ތަނަވަސްކަން ހޯދައިދިނުމަކީ ވެސް މުހިއްމު ކަމެއް ކަމަށެވެ. އޭގެ އިތުރުން ޕްރޮގްރާމްތައް ހިންގުމުގައި ވެސް ޖަމިއްޔާތަކަށް މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމާ އެކު، ޖަމިއްޔާތަކުގެ ޤާބިލުކަން އިތުރުވެ، މަސައްކަތް ފުޅާވެ، ގޮތް ނިންމުމުގައި ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

މިއަހަރުގެ މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމްގައި 69 މަދަނީ ޖަމިއްޔާ ބައިވެރިވެފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ 30 ކޮމިޓީއާއި 6 އަތޮޅު ކައުންސިލް ބައިވެރިވެއެވެ. 

މަދަނީ ޖަމިއްޔާތަކުގެ ޤައުމީ ފޯރަމްގައި، ޖަމިއްޔާތަކުގެ ޙާލަތާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރެވިގެންދާނެއެވެ. އެގޮތުން، ޖަމިއްޔާތައް ހިންގުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު