ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ސެޕްޓެމްބަރު 15 ގެ ކުރިން މީޑިއާ އެންޑް ބްރޯޑްކާސްޓިން ބިލު ދިރާސާކޮށް ނިންމަން ފާސްކޮށްފި

28 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލުގެ ސުންގަޑި ކަނޑައެޅައި ބިލުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރުން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަސައްކަތްތައް އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް އެ ބިލު ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

މިއަދު އޮތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ބިލު ދިރާސާ ކުރުމުގެ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަސް ކަމަށް ކަނޑައެޅުމަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން އެވެ. މެންބަރުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ.

އޭގެ އިތުރުން މިއަަދުން ފެށިގެން ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ނިޔަލަށް އެ ބިލަށް އާންމުންގެ ޚިޔާލަށް ހުޅުވާލުމަށްވެސް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ވެސް ތާއީދު ކުރެއްވީ މެންބަރު އަބްދުﷲ ޝަރީފް އެވެ. 

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް ވިދާޅުވީ އެ ބިލު ދިރާސާ ކުރުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް މަޝްވަރާތައް ކުރިއަށްދާނެ ކަމަށެވެ. 

މެންބަރު ވިދާޅުވީ އެކަމަށްޓަކައި ކަމާގުޅޭ އެކިއެކި އިދާރާތަކާއި ނޫސްތަކާއި ކަމާއިބެހޭ ފަރާތްތަކާއި ބައްދަލުކުރައްވާ ޚިޔާލުތައް ހޯއްދަވާނެ ކަމަށެވެ. 

މީގެ އިތުރުން، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ނޫސްތަކުގެ ޝަކުވާތަކާއި ޚިޔާލުތައް ހޯދުމަށް ވެސް މިއަދު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ވަނީ ނިންމާފަައެވެ. 

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ ބުދަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައެވެ.

އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ނުފެންނަކަމަށް 12 މެންބަރުން ވޯޓުދެއްވިއެވެ. 

އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު މި ބިލު ހުށަހެޅުއްވިއިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް މިދިޔަ އަހަރުވެސް ހަންނާން ހުށަހެޅުއްވިއެވެ. އެ ބިލަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ އެ އިސްލާހުތައް އަނބުރާ ގެންދެވީއެވެ. 

"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު" ގެ ނަމުގައި މިފަހަރު ބިލު ހުށަހެޅުއްވި، މެމްބަރު ވިދާޅުވި ގޮތުގައި ބިލް ހުށަހެޅީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށާއި ބްރޯޑްކާސްޓިން މީޑިއާ ހިމެނޭ ގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށެވެ.  

ބިލުގައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، ވަކި ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހިމަނާފައެވެ. 

މި ބިލުގެ ދަށުން އުފައްދަން ހުށަހަޅާފައިވާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަަތަރު މެމްބަރުންނެވެ.

އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ބާރު ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި އެ ކަންކަމާ ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.

ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރުކޯށްދޭ ފަރާތްތަކަށް އަންގައި އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ބިލު ފާސްކޮށް ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގައި މަސައްކަތް ކުރާ މުވައްޒަފުން 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އަށް ބަދަލުވާނެ އެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެވެންދެން، ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ބިލުގައި ބުނެފައިވާ ގޮތުން، ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އެ މެމްބަރުން ވާންޖެހެނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޑިރެކްޓާ ޖެނެރަލްއަށް ވުރެ މަތީ މަގާމުތަކުގައި ތިބޭ ބަޔަކަށެވެ.

ކިޔުންތެރިންގެ ހިޔާލު