ENGLISH
03 ސެޕްޓެމްބަރު 2025
ނޫސްވެރިން ހައްޔަރެއް ނުކުރޭ، ނަސޭހަތްދިނުމަށްފަހު ދުރަށް ޖެއްސީ: އިހުސާން
28 އޯގަސްޓު 2025
|
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އިހުތިޖާޖު ކުރި އެއްވެސް ނޫސްވެރިއެއް ހައްޔަރު ނުކުރާކަމަށާއި ހަމައެކަނި ނަސޭހަތްދިނުމަށް ފަހު ގްރީން ޒޯނުން ދުރަށް ޖެއްސީކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ނޫސްވެރިން މުޒާހަރާ ކުރީ ގްރީން ޒޯން ނުވަތަ މުޒާހަރާއާއި އެއްވުންތައް ނުބޭއްވޭ ސަރަހައްދުތަކުގައި ކަމަށެވެ. އެގޮތުން، ނުސްވެރިން މުޒާހަރާކޮށްފައިވަނީ ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގެ ކުރިމަތީގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ފުލުހުން އެ ނޫސްވެރިން އެ ސަރަހައްދުން ދުރައްޖެއްސީ ނަސޭހަތްދީ، އިންޒާރު ދިނުމަށްފަހު އެ ކަންކަމަށް އިޖާބަ ނުދިނުމުން ކަމަށް ވެސް ދާޚިލީ ސަލަމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަލީ އިހްސާން މިފަދައިން ވިދާޅުވީ މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ކުރީގެ ރައީސް، މުޙައްމަދު ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި، ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށް ގޮވާލެއްވުމުންނެވެ.
މި ބިލު ފާސްކޮށް ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގައި މަސައްކަތް ކުރާ މުވައްޒަފުން 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' އަށް ބަދަލުވާނެ އެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެވެންދެން، ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ބިލުގައި ބުނެފައިވާ ގޮތުން، ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
އެ މެމްބަރުން ވާންޖެހެނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޑިރެކްޓާ ޖެނެރަލްއަށް ވުރެ މަތީ މަގާމުތަކުގައި ތިބޭ ބަޔަކަށެވެ.