ENGLISH

28 އޯގަސްޓު 2025

Advertisement

ހުޅުމާލެ ހޮސްޕިޓަލްގައި ވެސް އެމްސީޖީއެޗްގެ އައިނު ފިހާރަ ހުޅުވައިފި

27 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ހުޅުވައިފިއެވެ. 

މި ފިހާރަ ހުޅުއްވައިދެއްވީ އެކަމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުއެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއެކު، އެންމެ ފުރަތަމަ އައިނު ފިހާރަ ހުޅުވާފައިވަނީ އައިޖީއެމްއެޗްގައެވެ. 

ސަރުކާރުން ފޯރުކޮށްދޭ ސިއްހީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި ގާއިމުކުރި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އައިނު ފިހާރަ، އެމްސީޖީއެޗް އޮޕްޓިކަލްސް ރައީސް ޑރ. މުއިއްޒު ހުޅުއްވާދެއްވީ މިދިޔަ ޖުލައި މަހުއެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުވާފައިވަނީ އެ މަސައްކަތުގެ ދަށުން ގާއިމްކުރި ދެ ވަނަ ފިހާރައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ވެސް މިއަދުން ފެށިގެން ހިލޭ އައިނު ހެއްދޭނެ ކަމަށެވެ. މީގެ އިތުރުން ވެސް އެހެން ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ.

* ލޮލުގެ ސްކްރީނިން

* ލެންސްގެ ޚިދުމަތް

* އައިނު ހެއްދުން

* ގްލޮކޮމާ ފަދަ ބަލިތަކަށް ސްކްރީންކުރުން

ރާއްޖޭގައި އައިނު ހެއްދުމަށް ބޮޑު ޚަރަދު ކުރަންޖެހުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. އަދި، މީގެކުރިން އައިނު ހެއްދުމަށް އާސަންދައިގެ ދަށުން ދެމުންގެންދިޔައީ 1000 ރުފިޔާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އަދަދު މިއަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ. ރައީސް އެގޮތަށް ނިންމެވީ، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

އެ ނިންމެވުމަށް ފަހު، މެއި 31 ވަނަ ދުވަހު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ހެއްދުމުގެ ޚިދުމަތް ފައްޓަވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ވަރަށް އަވަހަށް އައިޖީއެމްއެޗްގައި އެ ޚިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އެދުވަހު ވިދާޅުވިއެވެ. 

ރައީސް އެފަދައިން ވިދާޅުވީ، އައިނު ހެއްދުމުގައި އޮތް ނާޖައިޒު ފައިދާ ކުޑަކޮށް ރައްޔިތުންނަށް އެކަމުގެ ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ، ސަރުކާރު ހޮސްޕިޓަލްތަކުގައި އައިނު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމުން ޕްރައިވެޓް ވިޔަފާރިތަކުގެ ޚިދުމަތް ރަނގަޅުވެގެން ދާނެކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު