ENGLISH
03 ސެޕްޓެމްބަރު 2025
ސީއެސްސީ އަށް އައްޔަނު ކުރަން ތިން ބޭފުޅަކަށް މަޖިލީހުން ރުހުން ދީފި
27 އޯގަސްޓު 2025
|
މަޖިލިސް - ފޮޓޯ: މަޖިލިސް
ސިވިލް ސާވިސް ކޮމިޝަނަށް އައްޔަނު ކުރަން ކޮމިޓީން ނިންމި ތިން މެންބަރުންނަށް މަޖިލީހުން ވެސް ރުހުން ދީފިއެވެ.
ބުދަ ދުވަހު، މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީން އެ މަގާމަށް އައްޔަނު ކުރަން ނިންމި ތިން ބޭފުޅުންނަށް ރުހުން ދިނުމާމެދު ވޯޓަށް އެހީ ކޮންމެ ބޭފުޅަކަށް ވަކިންނެވެ. ތިން ބޭފުޅުން ވެސް ސީއެސްސީގެ މެންބަރު ކަމަށް އައްޔަނު ކުރަން މަޖިލީހުން ރުހުން ދިން އިރު މުހައްމަދު ނާސިހް (މ. ފަލްކަންގެ) އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 52 މެންބަރުންނެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރަން ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވިއެވެ.
ސީއެސްސީ މެންބަރުކަމަށް އައްޔަނު ކުރަން މަޖިލީހުން ދެން ރުހުން ދިން ޑރ. ދީބާ މޫސާ (މ. ވައިޓްބެލް) އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 60 މެންބަރުންނެވެ. ޑރ. ހުސައިން ފާއިޒް (ދަފްތަރު. ނަންބަރު 1325) އެ މަގާމަށް އައްޔަނުކުރަން ވޯޓުދެއްވީ 54 މެންބަރުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ސިވިލް ސަރވިސް ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރެއްވުމަށްޓަކައި، ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ، ދިރާސާ ކޮށްފައިވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ.
ރައީސް ވަނީ އެ މަގާމަށް އައްޔަނު ކުރަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ހަ ބޭފުޅުންގެ ނަން ފޮނުއްވާފައެވެ. ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު ވަނީ މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރަން އިންޓަވިއު ކުރެވޭ ފަރާތްތަކަށް މާކްސް ދިނުމުގައި ވަޒަންކުރާނެ މިންގަނޑަށް ރިއާޔަތްކޮށް އެ މެންބަރުންނަށް މާކްސް ދީފައެވެ.
އެ މިންގަނޑުގައިވާ ގޮތުގެ މަތިން ކޮމިޓީގެ މެންބަރުން މާކްސް ދިނުމުން އެވްރެޖް 75 އިންސައްތަ އިން މަތިން މާކްސް ލިބުނީ ވެސް ޖުމްލަ ތިން ބޭފުޅުންނަށެވެ. އެއީ ޑރ. ދީބާ މޫސާ އާއި، ޑރ. ހުސައިން ފާއިޒް އަދި މުހައްމަދު ނާސިހު އެވެ.