ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ހދ. އަތޮޅަށް ރައީސް ދެއްވީ ޔަގީންކަން؛ "ވައުދުވީ، ކަންކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެން"

27 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާ ހދ. ކުމުންދޫއަށް ވަޑައިގަތުުން އެރަށުން ރައީސަށް މަރުޙަބާ ކިޔަނީ. ފޮޓޯ: ރައީސް އޮފީސް

ރަށްރަށަށް ވަޑައިގެން ޖަލްސާތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުގައި، މަޝްރޫޢުތަކުގެ ވާހަކަދައްކަވަނީ، އެކަންކަން ކުރެވޭނެ ގޮތް ކަނޑައަޅައި އިންތިޒާމުތައް ހަމަޖައްސައިގެން ކަމަށާއި، ވެފައިވާ ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަން ހދ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ހދ. އަތޮޅުގެ ފަހު މަންޒިލުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެންނެވީ އެ އަތޮޅު ކުމުންދޫއަށެވެ. އެރަށަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.  

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ތަރައްގީއަށްޓަކައި ކުރަންހުރި ކަންކަން ފުރިހަމަކޮށްދިނުމުގައި، ރައްޔިތުންނާ ގާތުން ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން ބޭނުންވާ އަމާޒަށް އެކަންކަން ހާސިލްކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ދެންނެވި އެއްވެސް ކަމެއް އެއްވެސް ރަށެއްގެ ޖަލްސާއެއްގަ އެއީ އެކަން ކުރެވޭނެ ގޮތްތައް އަޅުގަނޑު ފުރިހަމަ ޔަގީންކަން އޮވެގެން ކުރެވޭނެ ގޮތް ހަމަޖެހިގެން ކުރާނެ ގޮތް ކަނޑައެޅިގެން ނޫނީޔާ ދަންނަވާފައިވާ ވާހަކައެއް ނޫން. އެކަންކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާ އެކީގަ އަދި ކުރުމުގެ އިންތިޒާމުތަކަށް އަޅުގަނޑުމެންނަށް ކަންކަން ފުރިހަމަކުރެވިގެން ނިންމައިގެން އަޅުގަނޑު ދަންނަވާފަ ހުރި ވާހަކަތައް ވީމަ، މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަ ތަކުރާރުކޮށް ޔަގީންކަން އަރުވަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ކުމުންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުމުންދޫގެ ބަނދަރުގެ މައްސަލައަށް ހައްލެއް ގެނައުމަކީ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. އެންމެ ބޮޑު އިސްކަމެއްދީގެން ކުރައްވާނީ ވެސް އެމަސައްކަތް ކަމަށާއި، ގިނަވެގެން ދެމަސްދުވަހުގެ ތެރޭގައި ކުމުންދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްކޫލުގެ މަލްޓި ޕާޕަސް އިމާރާތް ހެދިގެންދާއިރު ސްކޫލަށް ބޭނުންވާ އިތުރު ޖާގައާއެކު އިތުރު ވަސީލަތްތައް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެރަށުގައި ފެށިގެން ދިޔަ ޞިއްޙީ މަރުކަޒުގެ މަޝްރޫއާއެކު ވެސް ޞިއްޙީ ދާއިރާއަށް ކުރިއެރުން ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ފަށާފައިވާ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހުރީ، ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ކުމުންދޫގައި ހަދަމުންދާ ދަނޑަށް ބޭނުންވާ ފެންސް ޖެހުމާއި، ލައިޓް ހަރުކުރުމުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި، ފުޓްސަލް ދަނޑުގެ ޓާފް އާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަންނަ އަހަރު ފަށާ ހޭންޑްބޯޅަ ކޯޓުތައް ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، ކުމުންދޫގައި ވެސް ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގެން، ގިނަ މަޝްރޫޢުތަކެއް ފައްޓަވައިދެއްވައި ބައެއް މަޝްރޫޢުތަކުގެ ނިމުން އިފްތިތާހުކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު