ENGLISH
03 ސެޕްޓެމްބަރު 2025
އެޗްއާރްސީއެމްގެ މެންބަރު ކަމަށް މަގުސޫމު އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
27 އޯގަސްޓު 2025
|
މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ - ފޮޓޯ: މަޖިލިސް
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް އަހުމަދު މަގުސޫމް އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބުދަ ދުވަހު، މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި މަގުސޫމް އެ މަގާމަށް އައްޔަނު ކުރުމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 190 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާސާކޮށްފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންނެވެ.
އެޗްއާރްސީއެމް އަށް އައްޔަނު ކުރުމަށްޓަކައި ރައީސް ފޮނުއްވީ ތިން ބޭފުޅުންގެ ނަމެވެ. އެއީ އަހުމަދު މަގުސޫމް (ސީބްރީޒް/ ސ. ހުޅުދޫ) އާއި، އަލްއުސްތާޒާ ފާތިމަތު ނަފްއަތު އަބްދުލްވައްހާބު ( ދަފްތަރު. ނަންބަރު ދރ 721) ގެ އިތުރުން އަމީރާ ނައީމް (ހ. ގުރުސް/ ކ. މާލެ) އެވެ.
މި މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ވަނީ މިނިވަން މުއައްސަސާތަކާއި މިނިވަން މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް އިންޓަވިއު ކުރެވޭ ފަރާތްތަކަށް މާކްސް ދިނުމުގައި ވަޒަން ކުރާނެ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން އެ ތިން ބޭފުޅުންނަށް ވެސް މާކްސް ދީފައެވެ.
އެގޮތުން އެންމެ މަތިން މާކްސް ލިބިފައިވަނީ އަހުމަދު މަގުސޫމަށެވެ. ދެވަނައަށް އެންމެ ގިނަ މާކްސް އަލްއުސްތާޒާ ނަފްއަތު އަށް ލިބުނު އިރު އަމީރާ ނައީމްގެ ނަން އޮތީ ލިސްޓުގެ ތިންވަނައިގައެވެ.