ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މާބަނޑުއިރު، ތުއްތު ދަރިފުޅަކީ ލޭއަޅާ ކުއްޖެތޯ ބަލަން ޓެސްޓުތައް ހަދަން ލާޒިމްކުރަން ގާނޫނަށް އިސްލާހެއް!

27 އޯގަސްޓު 2025

|

ޝާމަ ޝުޢައިބު

ތެލެސީމިއާ ސެންޓަރު، ޖާގަ ތަނަވަސް އޮރެންޖު ހިޔާއަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުން - ފޮޓޯ: ރައީސް އޮފީސް

މާބަނޑު ދުވަސްވަރުގައި ގަރުބަގައިވާ ތުއްތު ދަރިފުޅަކީ ލޭއަޅާ ބަލި ނުވަތަ ތެލަސީމިއާ މޭޖާ ބަލި ވާރުތަވެފައިވާ ކުއްޖެއްކަން ކުރީބައިގައި ސިއްހީ ހާއްސަ މިންގަނޑަކުން ކަށަވަރު ކުރުމަށްޓަކައި ސިއްހީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހެދުން ލާޒިމުކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅައިފިއެވެ. 

6 އޮގަސްޓް 2025 ވީ ބުދަ ދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ތެލަސީމިއާ ކޮންޓްރޯލު ކުރުމުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.

އެގޮތުން ބުދަ ދުވަހު ދައުރުން ބޭރުގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލާމެދު އަލުން ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލައިގެ ބަހުސް ވަނީ ފަށާފައެވެ. 

އެކަމާ ގުޅިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި ބުނީ ބިލު ތަސްދީގު ކުރުމަށްޓަކައި ފޮނުވި ފަހުން އެ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް ބައެއް ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި މުހިއްމު ބަދަލުތަކެއް ކަމަށެވެ.

އޭގެ އިތުރުން އެ އިސްލާހުތަކާއެކު އެ ބިލު ފާސްކުރުމަކީ އެ ބިލުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުކުރުމަށް ގާނޫނަށް އިތުރު ފުރިހަމަކަމެއް ލިބޭނެ ކަމެއްކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސްގެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ. 

ރައީސްގެ ސިޓީފުޅުގައި ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް އިސްލާހަކީ މާބަނޑު ދުވަސްވަރުގައި ގަރުބަގައިވާ ތުއްތު ދަރިފުޅަކީ ލޭއަޅާ ބަލި ނުވަތަ ތެލަސީމިއާ މޭޖާ ބަލި ވާރުތަވެފައިވާ ކުއްޖެއްކަން ކުރީބައިގައި ސިއްހީ ހާއްސަ މިންގަނޑަކުން ކަށަވަރު ކުރުމަށްޓަކައި ސިއްހީ ގޮތުން ހަދަންޖެހޭ ޓެސްޓުތައް ހެދުމާއި އަދި އެފަދަ ޓެސްޓަކުން ލިބޭ ނަތީޖާއަކާ ގުޅިގެން އަމަލުކުރަން ކަނޑައަޅާ ހާއްސަ ގަވާއިދާއި އުސޫލާއެއް ގޮތަށް އެ ކެރިއާ ދެމަފިރިން އަމަލުކުރުން ލާޒިމުކުރަން ހުށަހަޅާފައިވާ އިސްލާހެވެ. 

އޭގެ އިތުރުން ގާނޫނުގެ ދަށުން ތެލަސީމިއާ އަދި ހިމޮގްލޮބިނޯޕަތީސް ހުންނަ މީހުން ކަނޑައަޅައި ދަފްތަރު ބަލަހައްޓަން ފެށުމާއެކު އެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުން އެ ދަފްތަރުން އުނިކުރާ ދުވަހާ ހަމައަށް މަހުން މަހަށް ދެވޭ މާލީ އިނާޔަތެއް ދައުލަތުން ހަމަޖައްސައި ދެވިދާނެ ކަމަށް ވެސް އިސްލާހުގައި ބަޔާން ކޮށްފައިވެއެވެ.

އިސްލާހުގައި ވަނީ އަގަކާ ނުލައި ތެލަސީމިއާއަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި ކަނޑައެޅުމަށް ވެސް ހިމަނާފައެވެ.

އިސްލާހުތައް ބަޔާންކުރައްވާ ރައީސް ވިދާޅުވީ އެހެންކަމުން އެ ހުށަހެޅުންތަކަށް ރިއާޔަތްކޮށް، އެ ބިލު މުރާޖާކޮށް، އިތުރު އިސްލާހު ގެނައުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީ އެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު