ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ކުރިނބީ ކައުންސިލްގެ ހުށަހެޅުމާ އެއްގޮތަށް ބަނދަރާ ގުޅިފައިވާ މަޝްރޫޢުތައް ކުރިއަށްދާނެ: ރައީސް

27 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ކުރިނބީއިން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވަނީ. ފޮޓޯ: ރައީސް އޮފީސް

ހދ. ކުރިނބީގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަށު ކައުންސިލުން އެދުނު ގޮތަށް ބަނދަރާއެކު އެރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު މަޝްރޫޢުތައް ދެވަނަ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިނބީއަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ.

އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު ބޭރު ތޮށީގެ ބޭނުން ވީހާވެސް ޖާގަ ފުރިހަމައަށް ބޭނުންކުރެވޭ ގޮތަކަށް ހަދައިދިނުމަށް ރައްޔިތުން އެދޭ ކަމަށެވެ. ދުރު ރާސްތާއަށް ބަލާއިރު އެއީ މުހިއްމު ކަމެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި، ބަނދަރުގެ މަސައްކަތާއެކު ގެންނަން ބޭނުންވާ ބަދަލުތަކުގެ ތަފްޞީލް އެމަނިކުފާނަށް ލިބިވަޑައިގެންނެވިކަމަށެވެ. އެގޮތުން ދެވަނަ ފިޔަވައްސަކަށް ބަހާލައިގެން އެ މަޝްރޫޢުތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

"ދެވަނަ ފިޔަވައްސެއްގެ ގޮތުގައި މިއަންނަ އަހަރަށް ބަޖެޓުގައި ތެރޭގައި މިދެންނެވި ބައިތައް ހިމަނައިގެން ކަމުގައިވިޔަސް، އިރާދަކުރެއްވިއްޔާ މިރަށުގެ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރުގަ ބަނދަރަށް ގެންނަން ބަދަލުތަކާއެކީގަ. ރައްޔިތުން އެދޭ ބަދަލުތަކުގެ އިތުރަށް، މޫދަށް އެރޭނެ ބީޗަކާ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މައްސަލަ ޙައްލުކުރުމާ އޮޑިއެހެލާނެ ތަނަކާ އެކީގަ މަޝްރޫޢު ނިންމާނެކަމުގެ ޔަގީންކަން ދެން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ބަނދަރުގެ މަޝްރޫޢުގެ އިތުރުން، ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރާއިރު އިތުރު ޚިދުމަތްތައް ޤާއިމުކުރެވިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެރަށުގެ ޞިއްޙީ ޚިދުމަތް 16 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަޖެއްސުމުގެ ކަންކަން މިއަހަރު ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ޞިއްޙީ ޚިދުމަތުގެ ގަޑި އިތުރުކުރައްވާނެކަމުގެ ޔަގީންކަން ކުރިނބީ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.

ސްކޫލުގެ މަލްޓި ޕާޕަސް ހޯލުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު ހަތަރު ކްލާސް ރޫމުގެ މަސައްކަތް ވެސް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިނބީ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައި، ފުޓްބޯޅަ ދަނޑުގައި ޤާއިމުކުރަންޖެހޭ ހުރިހާ ވަޞީލަތެއް ފުރިހަމަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ފުޓްސަލް ދަނޑުގެ ޓާފް މިއަހަރު ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިނބީގައި ހޭންބޯޅަ ކޯޓެއް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި ވަނީ ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތުގެ ބިންގާ އަޅައިފައެވެ.

ކުރިނބީގެ ތަރައްޤީއަށް ކުރަންޖެހޭ އެހެނިހެން ކަންކަމަށް ބަލާއިރު މަގުހެދުމާއި ކުނި މެނޭޖްކުރުމުގެ މަސައްކަތް މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ސަރަޙައްދުގެ ވިއްސަކަށް ރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ކުރިން ޙަވާލުކޮށްފައި އޮތީ ބޭރުގެ ފަންޑުގެ އެހީގައި ކަމަށާއި، އެ މަސައްކަތް ކުރިއަށް ނުދާތީ އެއްބަސްވުން "ޓާމިނޭޓް" ކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއްބަސްވުން ބާތިލުކޮށް، އެ ސަރަޙައްދުގެ ރަށްތަކުގައި ކުނި މެނޭޖް ކުރުމުގެ މަޝްރޫޢު، ކުންފުނިތަކާއި ޙަވާލުކޮށްގެން ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު