ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ގެދޮރުވެރިޔާ ސްކީމް: 2000 އަށްވުރެ ގިނަ ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފި

27 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2000 އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފިކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން ބުނި ގޮތުގައި، މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެށި އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް، ސަރުކާރު ބަންދު ނޫން ހުރިހާ ދުވަހެއްގައި ކުރިއަށްދެއެވެ.

އެގޮތުން 24 ދުވަހުގެ ތެރޭގައި 2000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަން ފާހަގަކުރަމުން މިއީ ބޮޑު ކާމިޔާބީއެއްކަމުގައި އެކުންފުނިން ބުނެފައިވެއެވެ. 

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާތަނަށް 3،402 މީހުންގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އެފްޑީސީއަށް ފޮނުވާފައިވެއެވެ. މި މަސައްކަތް ކުރިއަށްދަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ޤާއިމުކޮށްފައިވާ 10 ވަރަކަށް ކައުންޓަރުގައެވެ.

މީގެއިތުރުން އެފްޑީސީއިންވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބޭނުންވާ މުހިއްމު ލިޔެކިޔުންތައް ހަމަކުރުމަށް ފްލެޓް ލިބޭ ފަރާތްތަކުކަށް އިލްތިމާސްކޮށްފައެވެ.

އިމާރާތްކުރުމާބެހޭ ވުޒާރާއިން ނިންމާފައިވާ ގޮތުގައި، 3 ކޮޓަރީގެ ފްލެޓު ދޫކުރުމުގައި 76 މާކްސްއަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކަށް އިސްކަންދީ، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޫކުރެވޭނެއެވެ. އަދި 2 ކޮޓަރީގެ ފްލެޓުތައް ދޫކުރެވޭނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ. 

އެފްޑީސީން ބުނީ އަމާޒަކީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ޔުނިޓުތައް ޙަވާލުކުރުން ކަމަށެވެ. 

ފްލެޓްތަކަށް މީހުން ބަދަލުވުމުގެ އެ ސަރަޙައްދުގައި ކުރަންޖެހޭ އަސާސީ މުހިއްމު ކަންކަން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު