ENGLISH
03 ސެޕްޓެމްބަރު 2025
ދައްޗެއް ނުކުރާނަން، ވަރަށް ފުރިހަމައަށް ލާމަރުކަޒީ ނިޒާމު ޗެންޕިއަން ކޮށްދޭނަން: ރައީސް
27 އޯގަސްޓު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުން ކައުންސިލްތަކަށް އަދި އެ ނިޒާމަށްވެސް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތިނުވާނެ ކަމަށާ އެމަނިކުފާނުގެ މި ޒަޢާމަތުގައި ވަރަށް ފުރިހަމައަށް ލާމަރުކަޒީ ނިޒާމު ޗެންޕިއަން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އުތުރުގެ ހަމައެކަނި ސިޓީ -- ކުޅުދުއްފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެމަނިކުފާނުވެސް ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. އެ ގޮތުން މާލޭ ސިޓީގެ މޭޔަރުގެ މަޤާމުގައި ހުންނަވާ ކުރައްވަން ޖެހިވަޑައިގެން ތަޖުރިބާތައް ހިއްސާކުރެއްވި އެވެ.
ރައީސް ވިދާޅުވީ މާލޭގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ހުށައެޅުމުން އަހަރު ދުވަސްވީިއިރު އޭރުގެ ސަރުކާރުން ފާސްކޮށް ނުދެއްވި ކަމަށެވެ. އަދި ކައުންސިލް ކުންފުނި ހަދަން ހުށައެޅުއްވުމުން އެ ފުރުސަތު ވެސް ނުދެއްވި ކަމަށެވެ. އެހެން ކަމުން ކައުންސިލްތަކުން އެެދޭ ކަންކަމަށް ސަރުކާރުން ފުރުސަތު ނުދިނުމުން ކުރިމަތިވާ ކަންކަމާއި ގޮންޖެހުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން އެފަދަ ކަންކަން ނުކުރައްވާނެ ކަމަށެވެ. އޭގެ ބަދަލުގައި ކައުންސިލްތަކަށް ހުރިހާ ގޮތަކުން ވެސް މަގުފަހި ކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ބައެއް މިސާލުތައް ދެއްކެވި އެވެ.
އެގޮތުން އަންހެނުންގެ ތަަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ޙައްޤުތައް ކަށަވަރުކޮށް ދިނުމާއި 105 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް ނިންމި ނިންމުން ފާހަގަ ކުރެއްވި އެވެ. އޭގެން އެއް މަޝްރޫޢު އަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ކުުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށާ ސަރުކާރުން ޚަރަދުކުރާ މަޝްރޫޢު މިހާރު ފެށިފައިވާ ކަން ރައީސް ފާޙަގަ ކުރެއްވި އެވެ.
"އަޅުގަނޑުގެ އަޒުމެއް އެއީ ލާމަރުކަޒީ ނިޒާމު ޗެންޕިއަން ކޮށްދިނުމަކީ. އެހެންވީމަ ހުރިހާ ކުރިއެރުންތަކެއް މި ގެނެސްދެނީ,"
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ކައުންސިލްތައް މާލެ ގެންގޮސް ރައީސް އޮފީހަށް ޖަމާކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ސީދާ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި ބައްދަލު ކުރައްވާނެ ކަމަށާ މިހާރުވެސް ދެވަަނަ ބުރަށް 74 ކައުންސިލާއި ބައްދަލުކުރެވިއްޖެ ކަމަށް ވިދާޅުވި އެވެ.
އަދި ކުރިއަށް އޮތް ދެ މަސްތެރޭ ހުރިހާ ރަށަކަށް ދަތުރުކުރެވޭނެ ކަމަށާ އޭރުން ހުރިހާ ކައުންސިލްތަކާއި ދެވަނަ ފަހަރަށް ބަދަލުކުރެވުނީ ކަމަށް ވިދާޅުވި އެވެ.
ރައީސް މިރޭވެސް ވިދާޅުވީ ޤާނޫނާއި އެއްގޮތަށް ހުރިހާ ކަމަކަށް ވެސް ކައުންސިލްތަކަށް ފުރުސަތު ދެއްވާނެ ކަމަށާ ފުރިހަމަ އެއްބާރުލުންް ވެސް ދެއްވާނެ ކަމަށެވެ. މިހާރުވެސް ވަރަށް ގިނަ ރަށްރަށަށް އިހްތިސާސަށް ލެވެން އޮތް ފަޅުތަކާއި ފަޅުރަށްތައް ހަވާލުކޮށް އިހްތިސާސަށް ލަމުން ގެންދާ ކަމަށެވެ.
"ބޯޅަ އޮތީ ކައުންސިލްތަކުގެ ކޮޅުގައި," އެ ފުރުސަތުތަކުން ކައުންސިލްތަކުން ބާރުވެރިވުމަށް އިލްތިމާސް ކުރައްވާ ރައީސް ވިދާޅުވި އެވެ.