ENGLISH
03 ސެޕްޓެމްބަރު 2025
ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި، ރައީސް ދެއްވީ މަޝްރޫޢު ހަލުވި ވާނެ ކަމުގެ ޔަޤީންކަން
26 އޯގަސްޓު 2025
|
ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް
އުތުރުގެ މައި ރަށް -- ކުޅުދުއްފުށި ސިޓީގައި 2000 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ހަވާލުކުރީ އެޗްޑީސީއާ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ކުރައްވާ ދަތުރުފުޅުގައި ނުވަވަނަ މަންޒިލެއްގެ ގޮތުން މިއަދު ހަވީރު ވަނީ ކުޅުދުއްފުއްޓަށް ވަޑަައިގެންފަ އެވެ.
އެ ރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ ކުޅުދުއްފުށި ސިޓީގައި 2000 ހައުސިން ޔުނިޓް އަޅަން އެއްބަސްވުމުގަައި ސޮއިކޮށްފަ އެވެ.
މި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. ހައުސިން މިނިސްޓްރީން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢުގެ އިތުރުން މިހާރު އެ ސިޓީގައި ހުއްޓިފައިވާ ހައުސިން މަޝްރޫޢު ވެސް އެޗްޑީސީން ކުރިއަށް ގެންދާނެ ކަމަށެވެ. ސަރުކާރުން އަލަށް ފެށި މަޝްރޫޢުގެ ދަށުން 700 ހައުސިން ޔުނިޓް އަޅާނީ އަމިއްލަ މީސްމީހުންގެ ގޯތިތަކުގަ އެވެ. އެއީ ތިން ކޮޓަރީގެ ޔުނިޓްތަކެވެ.
ރައީސް ވިދާޅުވީ އެކަމަށް ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ގޯތިތަކުގައި ހައުސިން ޔުނިޓް އިމާރާތް ކުރުމުން ބޯހިޔާވަހިކަމަށް އޮތް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ބާކީ ހައުސިން ޔުނިޓްތައް ހަދާނީ ކައުންސިލުން ކަނޑައަޅާފައިވާ ބިންތަކުގައި ކަަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މިރޭ ހަވާލުކުރެވުނު މަޝްރޫޢު ވަރަށް އިސްކަން ދީގެން ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމަވާނެ ކަމަށެވެ.