ENGLISH
03 ސެޕްޓެމްބަރު 2025
ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކުރުން: 24 މީޓަރުގެ ޝީޓް ޕައިލިންގެ މަސައްކަތް ނިންމައިފި
26 އޯގަސްޓު 2025
|
ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް -- ފޮޓޯ: އެމްޓީސީސީ
މާލޭގެ ބޮޑުތަކުރުފާނުގެ މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން މިއަދު ބުނެފި އެވެ.
ތާރު އަޅައިގެން ހަތަރު ލޭނަށް މާލޭގެ ބޭރު މަގު ތަރައްގީ ކުރުމުގެ މަަސައްކަތް ރަސްމީކޮށް ފެށީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އެ ކުންފުނިން މިހާރު 24 މީޓަރުގެ ޝީޓް ޕައިލިންގ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ބަނދަރު ތޮށިގަނޑު ތަޅާލުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.
މަގު ތަރައްޤީކޮށް ނިންމުމުން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ. މާލޭގެ އެންމެ ކާރޫބާރު ބޮޑު ހިސާބުގެ ބޭރު މަގު ތަރައްގީ ކުރަނީ ފެން ހިންދާ ނިޒާމާއި ދުވާރު ވެސް ހިމަނައިގެންނެވެ. މަގުގެ މަސައްކަތް ނިމޭއިރު ރޯޑް މާކިން އަދި ސައިން ބޯޑުތައް ވެސް ހަރުކުރާނެ އެވެ.
މާލޭގެ ފަޅުން ބައެއް ހިއްކައިގެން މަގު ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދާނީ މާލޭގެ މަސްމާރުކޭޓުން ފެށިގެން އިއްޒުއްދީން ފާލަމާ ހިސާބަށެވެ. ލޯކަލް މާރުކޭޓުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީ ކުރާ އިރު 830 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ އެވެ.
އެމްޓީސީސީއަށް 144 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 455 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ ކުންފުނިން ބުނީ ކަނޑައަޅާފައިވާ ތާރީޚަށް މަސައްކަތް ފުރިހަމަ ކުރާނެ ކަަމަށެވެ.