ENGLISH
03 ސެޕްޓެމްބަރު 2025
ނޭކުރެންދޫ ސްކޫލުގެ މަޝްރޫއު ނިންމާ ދިރާސީ އާ އަހަރު އެ އިމާރާތް ބޭނުންކުރެވޭނެ: ރައީސް
26 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ހދ. ނޭކުރެންދޫ ސްކޫލުގެ މަޝްރޫއު މިއަހަރު ނިންމާ، އަންނަ ދިރާސީ އަހަރު އެ އިމާރާތް ބޭނުންކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނޭކުރެންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ނޭކުރެންދޫ ސްކޫލުގެ މަޝްރޫއަކީ ވަރަށް ގިނަ ދުވަސްވެފައިވާ މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއު މި އަހަރަށް ނިމިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މިއަހަރުގެ ނިޔަލަށް އެ މަޝްރޫއު ނިންމާ، ދިރާސީ އާ އަހަރު ފެށެންވާއިރަށް އެ އިމާރާތުގެ ބޭނުން މި ރަށު ސްކޫލަށް ކުރެވޭ ގޮތަށް އަޅުގަނޑުމެން ނިންމަދޭނަން، " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމިގެންދާއިރު ބަނދަރުގެ ޖާގަ އިތުރުވެގެންދާނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ ކަމެއް މިހާރު ހަމަޖެހި، ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ނިމިގެންދާއިރު މޫދަށް އެރެވޭ ގޮތަށް ބީޗެއް ގާއިމުވެގެންދާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ދޯނި އެހެލުމަށް ޚާއްސަ ސަރަހައްދެއް ވެސް ގާއިމުވެގެން ދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ވެސް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އިތުރު ތަފްސީލު ދެއްވާ ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވާ މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ބަޖެޓުގައި ހިމެނި، އަންނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.