ENGLISH
03 ސެޕްޓެމްބަރު 2025
ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި ޚާއްސަ މަަސައްކަތްތަކެއް ފަށައިފި
26 އޯގަސްޓު 2025
|
ފުލުހުން ހަރަކާތްތެރިވަނީ
ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ގާނޫނު ތަންފީޒުކުރަން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ އިންތިޒާމުވެފައިވާ ކުށްތައް ކުރާ ގުރޫޕްތައް, ހައިކޯޓުން މެދުވެރިކޮށް ކަނޑައެޅުމާއި އެފަދަ ގުރޫޕްތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި އެފަދަ ގުރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދީން ރައްކާތެރިކުރުވުމަށް އެ ކުދީންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ހުށައެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕްތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕީޖީ އޮފީހަށް ހުށައެޅުމުގެ ކަންކަން ވެސް ކުރިއަށް ގެންދާނެ ކަމަށާ އިންތިޒާމުވެގެން ކުށްކުރާ ގުރޫޕްތަކަށް ނިސްބަތްވާ މީހުންގެ ނުހައްގު މުއްސަދިކަމުގެ މައްސަލަތައް ތަހުޤީޤުކޮށް އެ މީހުން ނުޙައްޤުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި އިންތިޒާމުވެފައިވާ ކުށްކުރާ ގުރޫޕްތަކަށް ކުޑަކުދީންނާއި ޒުވާނުން ރެކްރޫޓް ކުރާ މައްސަލަ ހާއްސަ ސަމާލުކަމެއް ދީގެން ތަހުޤީޤު ކުރަމުން ގެންދާނެ ކަމަށެވެ.
ފުލުހުން ބުނީ ކުށްކުރާ ގުރޫޕްތައް އެއްވާ ސަރަޙައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް އެ ސަރަޙައްދުތަކުގައި ތިބޭ މީހުން ބަލާ ފާސްކުރުމުގެ މަސައްކަތާއި ކުށްކުުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ އެފަދަ ތަންތަން ރެއިޑްކޮށް ބަލައި ފާސްކުުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
އަދި ބުނީ މިއީ މުޅި މުޖްތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަމުންދާ ފިޔަވަޅުތަކެއްކަން ފާާހަގަކޮށް ފުލުހުން ބުނީ މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.