ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ވައިކަރަދޫގައި ފަށާފައިވާ މަޝްރޫއުތައް އަވަހަށް ނިންމައިދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

26 އޯގަސްޓު 2025

|

ހަސަން އާމިރު

ވައިކަރަދޫގެ ތަރައްގީގެ މަސައްކަތްތަކުގެ ތެރޭން އެކި ދާއިރާތަކުން އެކި މަސައްކަތްތައް ހުރީ ފެށިފައި ކަމަށާއި އެކަންކަން ނިންމައިދީ، އާ މަސައްކަތްތައް ފައްޓަވައި އަދި ރައްޔިތުން ބޭނުންވާ އިތުރުކަންކަން ވެސް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ވައިކަރަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އެ ރަށު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ހިމަނައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫޫއު ކުރިއަށް ދާއިރު ރަށުގައި މޫދަށް އެރޭނެ ތަނަކާއި ފަތާ ޓްރެކެއް ވަކިން ގާއިމްކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ހުރި ކަންކަމަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސަައްކަތް ވެސް އޮތީ ނިންމަން ޖެހިފައި ކަމަށާއި އެ މަސައްކަތް ވެސް، ދަނޑުގެ ހުރިހާ ވަސީލަތްތައް ހިމަނައިގެން ނިންމައިދޭނެ ކަމަށެވެ.  އަދި އޭގެ އިތުރުން ރަށުގައި ފަށާފައި ނުނިމި ހުރި ފިޓްނަސް ސެންޓަރު ނިންމައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް ސްކޭޓް ޕާކް ވެސް އެމްޓީސީސީއާ ހަވާލުކޮށްގެން ނިންމައިދޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ހޭންޑްބޯލް ކޯޓެއް ގާއިމްކުރުމާއި އައުޓްޑޯ ޖިމެއް ގާއިމްކުރުން ވެސް އެބައޮތް ކަމަށާއި މީގެ ތެރޭން ފެށިފައި ހުރި ކަންކަން މި އަހަރުގެ ތެރޭގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. 

ތައުލީމީ ދާއިރާ އަށް ބަލާއިރު 12 ކްލޫސްރޫމެއްގެ މަސައްކަތް ފެށިފައި ހުންނަތާ އެެތައް އަހަރެއް ވެއްޖެ ކަމަށާއި މަލްޓި ޕާޕަސް ހޯލް ވެސް ދެތިން މަސްތެރޭ ނިންމައިދޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިރަށަށް އައީމާ ލިބުނު މައުލޫމާތެއް ދަންނަވާލާނަން. އަޅުގަނޑުމެންގެ މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވި މީގެ 37 އަހަރު ކުރިން ތިމަންނާ އަކީ މި ސްކޫލްގެ ޕްރިންސިޕަލްކަން ކުރެއްވި ބޭފުޅާއޭ. އޭރު ވެސް ހުރީ މި ހޯލޭ. އެހެންވީމާ ލައްކަ ޒަމާން ވެއްޖެ މިތަނަށް އެއްވެސް ތަރައްގީއެއް ނައިސް،" ވައިކަރަދޫގައި ހުންނަ ހދ. އަތޮޅު މަދަރުސާގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ދެއްވި ޔަގީންކަމަކީ އެ 12 ކްލާސް ރޫމް މި އަހަރު ނިންމައި އަންނަ އަހަރުގެ ޖެނުއަރީ މަހު ދިރާސާ އާ އަހަރު ފެށޭއިރު ބޭނުންކުރެވޭ ވަރު ކޮށްދޭނެ ކަމަށެވެ.

ދީނީ ދާއިރާއިން ބަލާއިރު ކީރިތި ގުރުއާންއާ ބެހޭ މަރުކަޒުގެ ގޮތްޕެއް އަންނަ އަހަރު ކުރީކޮޅު އެ ރަށުގައި ގާއިމްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދަނޑުވެރިން މުދާ އުފުލަން ޖެހޭ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން މުދާ ފެރީ ދަތުރުކުރާ ރޫޓުގެ ސަބަބުން ދަތިވާތީ ވައިކަރަދޫ އަށް ޚާއްސަކޮށްގެން އެ ރަށުން ފުރާ ފެރީއެއް ބާއްވައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ވައިކަރަދޫ އަށް ވަރަށް އުނދަގޫވެފައިވާ 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިންޖީނުގޭގެ މައްސަލަ އެންމެ އިސްކަމެއް ދީގެން ހައްލުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފެނަކައިން އެ ރަށު އިންޖީނުގޭގެ މަސައްކަތް މި އަހަރު ތެރޭ ހައްލުކޮށްދެއްވާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

އަންނަ އަހަރަށް ވައިކަރަދޫ އަށް ކޮށްދެއްވާނެ ކަންތައްތަކުގެ ތެރޭގައި ޒަމާނީ މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށާއި ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް މުވައްޒަފުން ވެސް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން ވައިކަރަދޫގައި 50 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފައްޓަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު