ENGLISH
03 ސެޕްޓެމްބަރު 2025
އެންމެ އިސްކަންދެނީ މަކުނުދޫ އެއަރޕޯޓް ތަރައްގީ ކުރުމަށް: ރައީސް
26 އޯގަސްޓު 2025
|
އެންމެ ބޮޑު އިސްކަމެއްދެނީ މަކުނުދޫ އެއަރްޕޯޓް ތަރައްގީކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަކުނުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލްކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި މަކުނުދޫގެ ތަރައްޤީއަށް އެންމެ މުހިންމީ އެއަރޕޯޓް މަޝްރޫއުއެވެ. އަދި މަކުނުދޫއަކީ އެންމެ އެކަހެރިކޮށް އޮންނަ ރަށްކަމަށްވެފައި، ދަތުރުފަތުރުކުރުމަށް ވެސް ދަތިތަކެއްހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ދުރު ރާސްތާއަށް ދެމެހެއްޓެނިވި ތަރައްޤީއަށް އެއަރޕޯޓެއް ތަރައްޤީކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ ދަތުރުފަތުރާއެކު އިޤްތިޞާދީ ތަރައްޤީވެސް މަތީ ހަރުފަތަކަށް ގެންދެވޭނެ މަޝްރޫޢެެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެމްއޭސިއެލް އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގައި 1800 މީޓަރުގެ ރަންވޭ އަކާ އެކު އެއަރޕޯޓުގެ ޢުމްރާނީ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ.
"ރަށުގެ ބޭނުމަށް 22 ހެކްޓަރު ހިއްކޭނެ، އަދި އެއަރޕޯޓު ބޭނުމަށް ބިން ހިއްކޭނެ. ވަރަށް އިސްކަންދީގެން މި މަސައްކަތް ކުރިއަށްދާނެ. މިއާއެކު އެއަރޕޯޓް ހިންގުން އެމްއޭސީއެލް ހަވާލުވާނެ. އެކުންފުނިން އެމްޓީސީސީއާއި ސަރުކާރުގެ ކަމާބެހޭ ވުޒާރާއެކު މަސައްކަތްކުރާނެ. "
ރައީސް އިތުރަށް ވިދާޅުވީ، މި އެއާޕޯޓަކީ ސަރުކާރުން ވަރަށް އިސްކަމެއް ދީގެން ކުރިޔަށްގެންދާނެ މަޝްރޫއެއް ކަމަށާއި، ސަރުކާރުން ބޭނުންވަނީ އެ މަޝްރޫއު ވީހާ ވެސް އަވަހަކަށް ނިންމުމަށް ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްގެން ގޮސް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.