ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

މަކުނުދޫ ބިންހިއްކުމާއި އެއާޕޯޓް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

26 އޯގަސްޓު 2025

|

ހަސަން އާމިރު

މަކުނުދޫ އަށް ވަޑައިގެން ރަށުގެ ބައެއް މީހުންނާ ރައީސް ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ހދ. މަކުނުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މަކުނުދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން އަދި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަަަދި މަސަައްކަތް ކުރިއަށް ގެންދާ އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ އެވެ. 

މަކުނުދޫގެ ބިންހިއްކާ އިރު އެއާޕޯޓަށް ބޭނުންވާ ބިމުގެ އިތުރުން ރަށުގެ ބޭނުމަށް ވެސް 22 ހެކްޓަރު ހިއްކާނެ އެވެ. އަދި އެރަށުގައި ތަރައްގީ ކުރާ އެއާޕޯޓް ނިމުމުން އެ އެއާޕޯޓް އޮޕަރޭޓް ކުރާނީ އެމްއޭސީއެލް އިންނެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ވަނީ މަކުނުދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ސޮއިކުރެއްވި އިރު މަސައްކަތާ ހަވާލުވި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. 

މަކުނުދޫގައި މިއަދު ވަނީ ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ވެސް ފަށައިފަ އެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ އަލީ އިހްސާނެވެ.

މީގެ އިތުރުން ވެސް މުހިންމު މަޝްރޫއުތަކެއް މަކުނުދޫގައި މިއަދު ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި މަކުނުދޫގެ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމާއި ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުން ވެސް ހިމެނެ އެވެ. މި ދެ މަޝްރޫއުގެ އިތުރުން މަކުނުދޫގައި ގާއިމްކުރާ ހެލްތު ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ.

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

މަކުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ވެސް ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމްކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓްގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ. އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރ ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން، އެ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަފީގު، މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. 

މަކުނުދޫގައި އަލަށް އިމާރާތްކުރާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް، ފެނަކަ ކޯފަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަދި އެ ދާއިރާގެ މެމްބަރު އަދި މަކުނުދޫ ކައުންސިލުގެ ރައީސްއެވެ.

ކިޔުންތެރިންގެ ހިޔާލު