ENGLISH
03 ސެޕްޓެމްބަރު 2025
ރައީސް، މަކުނުދޫއަށް ވަޑައިގެން ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފި
26 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަކުނުދޫއަށް ވަޑައިގެން އެ ރަށުގައި ވެސް ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފިއެވެ.
އެރަށު ރައްޔިތން ދެންނެވި ހޫނު މަރުހަބާއަށް ފަހު ރައީސް ވަނީ، މަކުނުދޫގެ ފިޓްނެސް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު، އެ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަފީގު އަދި މަކުނުދޫ ކައުންސިލުގެ ރައީސްއެވެ.
މަކުނުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ވެސް ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓްގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ހދ. މަކުނުދޫގައި ޕޮލިސް ސްޓޭޝަންގެ ބިންގާ ވެސް މިއަދު ވަނީ އަޅައިފައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން، އެ ދާއިރާގެ މެމްބަރު، މަކުނުދޫ ކައުންސިލުގެ ރައީސް އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން އަންނަނީ ކުރަމުންނެވެ.
މި ދެ މަޝްރޫއުގެ އިތުރުން މަކުނުދޫގައި ގާއިމްކުރާ ހެލްތު ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.
މަކުނުދޫގައި އަލަށް އިމާރާތްކުރާ މި ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވައިފައިވަނީ، މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް، ފެނަކަ ކޯފަރޭޝަންގެ މެނޭޖިން ޑިރެކްޓާ، އެ ދާއިރާގެ މެމްބަރު އަދި މަކުނުދޫ ކައުންސިލުގެ ރައީސްއެވެ.