ENGLISH
03 ސެޕްޓެމްބަރު 2025
ޔޫއެންއެޗްއާރްސީގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް ރާއްޖެ، ރައީސް މަރުޙަބާ ވިދާޅުވެއްޖެ
25 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
އެކުވެރި ދަޢުލަތްތަކުގެ ހިއުމަން ރައިޓްސް ކައުންސިލް (ޔޫއެންއެޗްއާރްސީ)ގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މަރްޙަބާ ވިދާޅުވެއްޖެ އެވެ.
އދގެ ވައިސް ޕްރެޒިޑެންޓްގެ ހައިސިއްޔަތުން، އޭޝިއާ-ޕެސިފިކް ގްރޫޕުގެ މަސްއޫލިއްޔަތުތައް ދެން އަދާކުރަމުންދާނީ ދިވެހިރާއްޖެއިން ނެވެ.
ރައީސް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާ ގުޅުންހުރި ކަންކަމުގައި، ވަކިން ޚާއްޞަކޮށް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) އާ ގުޅިފައިވާ އިންސާނީ ޙައްޤުތަކުގެ ކަންކަމުގައި ހަރުދަނާ ގޮތެއްގައި އަޑުއުފުލައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ތާރީޚެއް އޮތް ޤައުމެއް ކަމަށެވެ.
އަދި މިއީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވައި، އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ޙަރަކާތްތެރި މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން ވެފައިވާ ހަރުދަނާ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އިންސާނީ ކަރާމާތުގެ އުޞޫލުތައް ނެގެހެއްޓުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.
އަދި ކޮންމެ މީހަކަށްވެސް އިންޞާފުވެރި، އެންމެންގެ ބައިވެރިވުން އޮތް، ޝާމިލު ދުނިޔެއަކަށް ރާއްޖެއިން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ތަކުރާރު ކުރެއްވި އެވެ.