ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ރައީސްގެ އިލްތިމާސެއް: ނޮޅިވަރަން ދަނޑުބިންތަކުން ކައުންސިލަށް ފީ ނުނަންގަވާ

25 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

ނޮޅިވަރަން ދަނޑުބިންތަކުން ރަށު ކައުންސިލަށް ފީ ނުނެންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނޮޅިވަރަން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނޮޅިވަރަމަކީ ދަނޑުވެރި ރަށެއް ކަމަށާއި، އެ ރަށުގެ ވަކި ވަކި އާއިލާތަކަށް އެންމެ ބޮޑު ނަފާ ލިބޭ މަސައްކަތަކީ ދަނޑުވެރިކަން ކަމަށް ވާހިނދު، ކައުންސިލުން ދަނޑުބިންތަކަށް ފީ ނުނަގާ ނަމަ، ދަނޑުވެރި އާއިލާތަކަށާއި ރަށަށް ލިބޭ ނަފާ އިތުރުވެގެންދާނޭ ކަމަށެވެ. މިއީ ސަރުކާރުން ކައުންސިލުގެ ކިބައިން އެދޭ އެދުމެއްކަމަށް ވިދާޅުވެ، މިކަން ކުރަން ކައުންސިލަށް ބޭނުންވާ ހުއްދަތަކާއި އެއްބާރުލުން ސަރުކާރުން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފަ އެވެ.

ނޮޅިވަރަމަކީ އާބާދީ ބޮޑު، ބިންބޮޑު ރަށެއް ކަމުގައިވާތީ، އެ ރަށުގައި ހިންގާ މަޝްރޫޢުތައް ރާއްވަވާފައިވާނީ ސަރުކާރުގެ ދެމެހެއްޓެވިނި ތަރައްޤީގެ ސިޔާސަތުގެ ތެރެއިންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެގޮތުން، އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރެއްވުމުގެ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށާއި، ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން، އެ އޮންނަ އިންތިޤާލީ މަރުޙަލާގައިވެސް ސިއްޙީ މަރުކަޒުގެ ޚިދުމަތް ހަރުދަނާކުރަން ބޭނުންވާ މާއްދީ އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކޮށްދެއްވަމުން ގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިންވެސް، ނޮޅިވަރަމުގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީ ކުރާނީ އެހެން ރަށްރަށަށް ވުރެ ފުޅާކޮށް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ ފުޓުބޯޅަ ދަނޑުވެސް ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑަކަށް އަޕްގްރޭޑް ކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތަޢުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ފެށިފައިވާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތުގައި ސްކޫލަށް ބޭނުންވާ އިތުރު ބިނާރުގެ މަސައްކަތް ހިމަނުއްވާނޭ ކަމަށެވެ.

މި ދަތުރުފުޅުގައި ހިމެނިގެން މިއަދުވަނީ، ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ޤާއިމުކުރުމުގެ މަޝްރޫޢާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު