ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ނޮޅިވަރަމަށް 30 އެނދުގެ ހޮސްޕިޓަލަކާއި ފީފާ ސްޓޭންޑަޑްގެ ދަނޑަކާއި 12 ކްލާސް ރޫމް

25 އޯގަސްޓު 2025

|

އަޙުމަދު ޙަމީދު

ހދ. ނޮޅިވަރަމަށް 30 އެނދުގެ ހޮސްޕިޓަލަކާއި ފީފާ ސްޓޭޑަޑްގެ ދަނޑަކާއި 12 ކްލާސް ރޫމް އިތުރުކުރުމުގެ މަޝްރޫޢުއެއް ހިންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހދ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރައީސް ވަނީ ނޮޅިވަރަމަށް ވަޑައިގެންފަ އެވެ. އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނޮޅިވަރަމަކީ ސިއްޙީ ދާއިރާގެ ތަރައްޤީއަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރަން ޖެހިފައިވާ ރަށެއް ކަމަށާ ރިޔާސީ އިންތިޚާބުގައި އެކަންކަން ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

އެގޮތުން މި އަަހަރުތެރޭގައި 30 އެނދުގެ ހޮސްޕިޓަލެއް ހެދުމުގެ މަސައްކަތް ފައްޓަވާނެ ކަން ރައީސް ވަނީ އިޢުލާނު ކުރައްވާފަ އެވެ. އެ ހޮސްޕިޓަލްގެ މަސައްކަތް ނިމުމުގެ ކުރިއަށް ރަށުގައި މިހާރުހުރި ސިއްޙީ މަރުކަޒަށް ގެނެވެން އޮތް ބަދަލުތައް ގެންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެގޮތުން އެކްރޭގެ ޚިދުމަތް ފެށުމާާއި ދަތުގެ ފަރުވާ ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއް ބަހައްޓަވާނެ ކަމަށް ވިދާޅުވި އެވެ.

12 ކުލާސް ރޫމާއި ލެބާއި ލައިބްރަރީއެއް

ރައީސް ވިދާޅުވި ގޮތުގައި ނޮޅިރަމްގެ ތައުލީމަށް އިސްކަން ދީގެންވެސް މުހިންމު މަސައްކަތްތަކެއް ކުރައްވަން އެމަނިކުފާނު ވަނީ ނިންމަވާފަ އެވެ. އެ ގޮތުން މިހާރު ފެށިފައިވާ މަލްޓިޕާޕަސް ހޯލުން މަޝްރޫޢުއަށް މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން އެ މަޝްރޫޢު ބޮޑުކޮށް މަދުވެގެން 12 ކްލާސް ރޫމާއި ލައިބްރަރީއާ ލެބްތައް އިތުރުކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ކުރާ އެމްޓީސީސީން އެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާނެ ގޮތަށް ކަންކަން އިންތިޒާމު ކޮށްދެއްވާނެ ކަމަށެވެ.

ނޮޅިވަރަމަށް ފީފާ ސްޓޭންޑަޑްގެ ދަނޑަކާއި އިންޑޯ ކޮމްޕްލެކްސް

މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮ ކަމުގެ ދާއިރާއިން ވެސް ނޮޅިވަރަމްގައި މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެންމެ މުހިންމު ކަމަށް ފާހަގަ ކުރެއްވީ އެ ރަށުގައި ފީފާ ސްޓޭންޑަޑަށް ދަނޑެއް ތަރައްޤީ ކުރެއްވުމެވެ.

ސްޕޯޓްސް މިނިސްޓްރީން އެ މަަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެެވެ. މީގެ އިތުރުން އިންޑޯ ކޮމްޕްލެކްސް އެއް ޤާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މިއަދު ފެށުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު އާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި ރަށް ގިރުމުގެ މަޝްރޫޢު ހަލުވި ދުވެލީގައި ކުރިއަށް ގެންދަވާ ނިންމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު