ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ނޮޅިވަރަމުގައި ދަނޑުވެރިިކަމުގެ މަޝްރޫއަކާއެކު، ބަނދަރާއި މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

25 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ނޮޅިވަރަމުގެ ބަނދަރު ތަރައްޤީކުރުމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު ނޮޅިވަރަމަށް ވަޑައިގެން އެރަށަށް ބޭނުންވާ މުހިއްމު މަޝްރޫޢުތަކެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. 

ނޮޅިވަރަމުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ. 

ދަނޑުވެރިކަމުގެ ދާއިރާއިން ނޮޅިވަރަމުގައި ވަނީ، ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ ވަޒީރު ޑރ. މަރްޔަމް މާރިޔާ އަދި ނޮޅިވަރަމު ކައުންސިލުގެ ރައީސް ޔޫސުފް މޫސާއެވެ. 

ނޮޅިވަރަމުގައި ވަނީ ބަނދަރު އަޕްގްރޭޑްކުރުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން އެންޑް އިފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙްމަދު ސަޢުދީއެވެ. 

ނޮޅިވަރަމުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގައި ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. 

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޮޅިވަރަމަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރަށް ނުކުމެ މަރުޙަބާ ކިޔައިފައެވެ. 

ހދ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގައި ކޮންމެ ރަށަކަށް ވަޑައިގެން، އެރަށަކަށް ބޭނުންވާ މުހިއްމު މަޝްރޫޢުތައް އަންނަނީ ފައްޓަވައިދެއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު