ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ގިނަ އަދަދެއްގެ ވިލާތަކާއެކު 600 ވަޒީފާ އުފެދޭނެ ނާގޯށީގެ މަޝްރޫއު ފައްޓަވައިދެއްވައިފި

25 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ހދ. ނާގޯށި ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީޑީސީއާ ހަވާލުކުރުން. ފޮޓޯ: ރައީސް އޮފީސް

މީގެ އެތައް އަހަރެއް ކުރިން ތަރައްގީކުރުމަށް މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެމްޓީޑީސީ) އާ ސަރުކާރުން ހަވާލުކުރި ހދ. ނާގޯށި ތަރައްގީކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ. 

ހދ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ނާގޯއްޓަށް ވަޑައިގެން އެރަށް ތަރައްގީކުރުމުގެ މަސައްކަތް ފައްޓަވައިދެއްވިއިރު، އެ މަސައްކަތްކުރުމަށް އެމްޓީޑީސީއަށް ބޭނުންވާ ލޯނު ހަމަޖައްސައިދީފައިވަނީ ފިނޭންސް މިނިސްޓްރީ މެދުވެރިވެގެން ބީއެމްއެލްއިންނެވެ. 

މިއަދު ނާގޯށީގައި ތަރައްގީކުރާ ރިސޯޓު ބިނާކުރުމުގެ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ނިޔާޒު ވިދާޅުވީ ނާގޯށި ތަރައްގީކުރުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅު ފުދިގެންދާ ދިއުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އޭނާވަނީ އަންނަ އަހަރުގެ ޑިސެންބަރު މަހުގެ ކުރިން އެ މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

2011 ވަނަ އަހަރުން ފެށިގެން މަޑުޖެހިފައި އޮތް މަޝްރޫއު ކުރިއަށްގެންދިއުމަށް ކުރި މަސައްކަަތް މާލީ ދަތިތަކާހުރެ ހުއްޓިފައި އޮތުމަށްފަހު އަލުން ފެށުނީ، ހދ. އަތޮޅުގައި ރިސޯޓެއް ގާއިމުކުރެއްވުމަށް ރައީސް ދެއްވި އިސްކަމުގެ ސަބަބުން ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ. 

"އެމްޓީޑީސީން މި ރަށް ތަރައްގީކުރަން ބޭނުންވާ ހުރިހާ ކަމެއް މިހާރު މިއޮތީ ހަމަޖެހިފައި. ބޭންކް އޮފް މޯލްޑިވްސްގެ ލޯނަކުން މި ރަށް ތަރައްގީކުރެވިގެންދާނީ. ރަށް ސާފުކުރުމާއި މޯބިލައިޒްކުރުމުގެ މަސައްކަތް ދަނީ ކުރިއަށް. އަންނަ އަހަރު ޑިސެންބަރު 30 ވަނަ ދުވަހުގެ ކުރިން މި ރަށް ފުލް އޮޕަރޭޝަނަށް ގެންނާނަން،" ނިޔާޒު ވިދާޅުވިއެވެ. 

ނިޔާޒު ވިދާޅުވީ ނާގޯއްޓަކީ 70 ހެކްޓަރުގެ ބޮޑު ރަށަކަށްވާތީ ތަރައްގީކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެ ރަށުގައި 183 ވިލާ ހުންނާނެ ކަމަށާއި، 100 ވޯޓާ ވިލާއާއި 83 ބީޗް ވިލާ ގާއިމުކުރާނެ ކަމަށެވެ. އެއީ ހަތަރު ކެޓަގަރީއެއްގެ ވިލާތަކެވެ. 

ނިޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި އެ ރަށް ތަރައްގީކޮށް ހުޅުވުމުން އެ ރަށުން 600 އެއްހައި ވަޒީފާ އުފެދޭނެއެވެ. އެ ވަޒީފާތަކަށް ބޭނުންވާ މުވައްޒަފުން ނަގައި ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. 

އޭނާވަނީ އެމްޓީޑީސީގެ ހިއްސާދާރުންނަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތްތައް ކުންފުނީގެ ހިއްސާދާރުން އުންމީދުކުރާ ގޮތަށް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަންދެއްވާފައެވެ. 

މިއަދު ނެއްލައިދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ތަފުސީލުތައް ހިއްސާކުރައްވާފައެވެ.

ތިލަދުންމަތީގައި ޓޫރިޒަމް ތަަރައްގީކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްކުރި ނަމަވެސް މިހާތަަނަށް އެ އަތޮޅުގައި ޓޫރިޒަމް އެކަށީގެންވާ ގޮތަކަށް ތަރައްގީކުރެވިފައިނުވާކަން ރައީސް ފާހަަގަކުރެއްވިއެވެ. އެ މައްސަލަ ހައްލުކޮށް އެ އަތޮޅާއި، ޓޫރިޒަމް ތަރައްގީވެފައި ނެތް އެހެން ބައެއް އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަށް މުހިއްމު ބަދަލުތަކެއް މި ސަރުކާރުން ގެނެސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ސަރުކާރުން ގެނައި ބަދަލުތަކުގެ ތަފުސީލަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ ސަރަހައްދުތަަކުގައި އިންވެސްޓުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އިންވެސްޓަރުންނަށް ވަރަށް ބޮޑު ލުއިތަކެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ހދ. އަތޮޅުންވެސް ވަރަށް ގިނަ ފަޅާއި ފަޅުތަކުގެ ބައިތައް ހިމެނޭ ގޮތަށް 10 ތަނެއް އެ ލުއިތައް ލިބޭ ގޮތަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. 

"އިންވެސްޓުކުރާ ފަރާތަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައި، އިންސެންޓިވްތަކެއް ދީފައި އިއުލާނުކޮށްފައި އޮންނާނެ. މި އަތޮޅުންވެސް ވަރަށް ގިނަ ފަޅުތަކާއި ފަޅުފަޅުން ބައިބަޔާ ހިމެނޭ ގޮތަށް ދިހަ ވަރަކަށް ސަރަހައްދު މި އަތޮޅުން އިއުލާނުކޮށްފައިވަނީ. މިހާރު ބިޑިންއަށް ހުޅުވާލެވިފައި އޮތީ،" ރައީސް ވިދާޅުވިއެވެ. 

"މިހާރު ބައެއް ފަރާތްތަކުން ބަައެއް ސަރަހައްދުތަކާ ގުޅޭ މައުލޫމަތު ސާފުކޮށް ބިޑު ހުށަހެޅުމުގެ މަސައްކަތް އެބަ ހިނގާ،" 

އެމްޓީޑީސީއަށް ތަރައްގީކުރަން ދީފައިވާ ނާގޯށި ތަރައްގީކުރުމުގެ މަސައްކަތަަކީ ފާއިތުވި ދުވަސްތަކުގައި ކުރަން އުޅެ ނުކުރެވި އޮތް ކަމެއްކަމަށާއި، ނަމަވެސް ފިނޭންސް މިނިސްޓްރީ މެދުވެރިގެން ބީއެމްއެލްގެ ޒަރީއާއިން އެ ރަށް ތަރައްގީކުރުމަށް އެމްޓީޑީސީއަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެހިފައިވާ ކަމަަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ހައްލުކުރެވުމާއެކު، ނާގޯށި ތަރައްގީކުރުމަށް އެމްޓީޑީސީން މިހާރު މޮބިލައިޒްވެސް ކޮށްފައިވާ ކަމަށެވެ. 

"އެމްޓީޑީސީއަށް ނާގޯށި މަސައްކަތް ފެށުމަށް އެވަނީ މޯބިލައިޒްކޮށްފައި. އެއީ ވަރަށް ދުވަސްވީ މައްސަލައެއް، ނުހިނގާ. ކުރަން އުޅެ ނުވެފަ. އެހެންނަމަވެސް މިހާރު އެ މަސައްކަތް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތް މިވަނީ ފަހިކޮށްފައި،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ހދ. އަތޮޅުގައި ޓޫރިޒަމް ތައާރަފުކުރުމަށް ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު ޓޫރިޒަމް ނެތް އަތޮޅެއްގެ ލޭބަލް އެ އަތޮޅުން ނެއްޓި، އެ އަތޮޅަކީ ފައްކާކަމާއެކު ފަތުރުވެރިކަން ހިނގާ އަތޮޅަކަށް ބަދަލުވާނެ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު