ENGLISH
03 ސެޕްޓެމްބަރު 2025
އޭޓީއެމް ބެހެއްޓުމަށް ފާޑުކިޔާ ފަރާތްތަކަށް ރައީސްގެ ރައްދު؛ ބޭނުންފުޅަކީ ހަމަހަމަކޮށް ހިދުމަތް ދިނުން
25 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ފާޑުކިޔާ ފަރާތްތަކަށް ރައްދުދެއްވައި، އޭޓީއެމްތައް ގާއިމުކުރެއްވުމުގެ މަގުސަދަކީ މާލީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހދ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނެއްލައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރަން ބައެއް ފަރާތްތަކުން މަސައްކަތްކުރާ ކަމަށެވެ.
އެފަދަ ފަރާތްތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ އޭޓީއެމް ބެހެއްޓުމުގެ މުހިއްމުކަން ރަށްރަށުގެ ރައްޔިތުންނަށް ނުވިސްނޭނަމަ، އެކަންކަން އާދައިގެ ކަންކަމުގެ ގޮތުގައި ދައްކުވައިދެވިދާނެ ކަމަށެވެ.
އެމަނިކުފާނުގެ ސިޔާސަތަކީ އަދި އަދުގެ ސަރުކާރުގެ ވިސްނުމަކީ ހުރިހާ ހިދުމަތެއް އެންމެހައި ރައްޔިތުންނަށް ހަމަހަމަކޮށް ފޯރުކޮށްދިނުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭޓީއެމްގެ ހިދުމަތް ބައެއް ރަށްްރަށުގައި ނެތުމުން އެ ހިދުމަތް ހޯދަން އޭޓީއެމް ހުންނަ ރަށްރަށަށް ދަތުރުކުރުމުގެ ބޮޑު ތަކުލީފުތަކެއް ރައްޔިތުން ތަހައްމަލުކުރަންޖެހޭ ކަމަށެވެ.
"އެހެންނޫނީ މިވާ ގޮތަކީ މި އޭޓީއެމްތައް ނުހުންނަ ރަށްރަށުގެ ރައްޔިތުން ކައިރިން އޭޓީއެމް ހުންނަ ރަށްރަށަށް އަތުން ފައިސާ ހަރަދުކޮށްފައި ފައިސާ ޖަމާކުރަން ނުވަތަ ނަގަން ދާންޖެހެނީ. އެކަމަކު މިހާރު (އޭޓީއެމް ހިދުމަތް ގާއިމުވުމުން) ވަރަށް ފަސޭހަވޭ. އަދި އެ ރަށްރަށުގައި އެކި މަސައްކަތްކުރާ ފަރާތްތަކަށްވެސް މާލީ މުއާމަލާތްތައް ކުރަން ފަސޭހަވޭ،" ރައީސް ވިދާޅުވިއެވެ.
ނެއްލައިދޫގެ މިސްކިތް ބިނާކުރުމުގެ މަޝްރޫއަކީ 500 މީހުންގެ ޖާގައިގެ، ލައިބްރަރީ އަދި ކްލާސް ރޫމު ޖާގަ ހުންނަ ތަނަވަސް މިސްކިތެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އެ ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ އިމާރާތާއި، ޕޮލިސް ސްޓޭޝަނާއި ފިޓްނަސް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ފެށުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
ސިއްހީ މަރުކަޒުގެ ވަސީލަތްތައް ތަރައްގީކޮށް އަންނަ އަހަރު މުވައްޒަފުން އިތުރުކޮށްދީ ސަރުކާރުން އަމާޒު ހިފާފައިވަނީ އެ ރަށުގެ ސިއްހީ ހިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ޖުމްލަ 105 ރަށުގައި ކައުންސިލު އިމާރާތް ގާއިމުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ނެއްލައިދޫ ކައުންސިލުގެ އިމާރާތުގެ މަސައްކަތް މިއަދު ފެށިގެން ދިޔައެވެ. އެއިން 55 ކައުންސިލު އިމާރާތްކުރަނީ ސަރުކާރުގެ ހަރަދުގައެވެ. އަނެއް 50 ކައުންސިލު އިމާރާތް އަޅާނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ.
މިއަދު ރައީސް ނެއްލައިދޫއަށް ކުރެއްވި ޒިޔާރާތުގައި އެ ރަށުގައި 60 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރެވުނެވެ. ބަނދަރުގައި ޖެޓީ ހެދުން އެމްޓީސީސީއާ ހަވާލުކުރެވުނެވެ. އަދި މަގުހެދުމުގެ މަސައްކަތްވެސް އެމްޓީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.