ENGLISH
03 ސެޕްޓެމްބަރު 2025
ނެއްލައިދޫގައި ވެސް ގިނަ މަޝްރޫޢުތަކެއް ރައީސް ފައްޓަވައިދެއްވައިފި
25 އޯގަސްޓު 2025
|
ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނެއްލައިދޫއަށް ވަޑައިގެން، އެ ރަށުގައިވެސް ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވައިފިއެވެ.
ނެއްލައިދޫގައި ފެށި މަޝްރޫޢުތަކުގެ ތެރެއިން، އެރަށުގައި ބިނާކުރާ މިސްކިތުގެ ބިންގާ މިއަދު ވަނީ އަޅައިފައެވެ. އަދި، އެރަށު ކައުންސިލް އިމާރާތާއި، ޞިއްޙީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ ބިންގާ ވެސް އަޅާފައިވެއެވެ. އެރަށުގައި މިއަދު ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ވެސް ރަސްމީކޮށް ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ނެއްލައިދޫއަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށުގައި 60 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އިތުރުން، ބަނދަރުގައި ޖެޓީ ހެދުމާއި މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވެއެވެ.
ނެއްލައިދޫގައި ހައުސިން ޔުނިޓް ޤާއިމުކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއެކު ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް
މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ، ޑރ. ޝަހީމް ޢަލީ ސަޢީދު އެވެ. އަރިހުގައި ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ޢަލީ ވެސް ބައިވެރިވެވަޑައިގަތެވެ.
500 މީހުންގެ ޖާގައިގެ މިސްކިތުގެ މަޝްރޫޢުގެ ދަށުން، މިސްކިތުގައި ސޯލާ ހަރުކުރުމާއި، އޭސީ ކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މި މަޝްރޫޢުގެ ދަށުން މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމު ހެދުމަށް ވަނީ ހަމަޖެހިފައެވެ.
ނެއްލައިދޫގައި މިސްކިތް ބިނާކުރަން ޙަވާލުކުރީ ފެނަކަ ކޯޕަރޭޝަނާއެވެ.
މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނެއްލައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަޙްމަދު ޢަލީ ހަބީބާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ނެއްލައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢަލީ ބައިވެރިވެވަޑައިގަތެވެ.
މި ހިދުމަތް ފެއްޓެވުމަށް ފަހު ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ވެސް ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.
ނެއްލައިދޫގައި ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނެއްލައިދޫގެ ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަދި މި ރަށުގެ ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްްވުން ޝަރަފްވެރިކޮށްދެއްވާފައެވެ.
ހެލްތު ސެންޓަރުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާއަޅުއްވައި ދެއްވީ،ޞިއްޙީ ކަންތައްތަކާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމެވެ.
ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ނެއްލައިދޫ ކައުންސިލް އިމާރަތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ.
ހދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅުގެ ރަށްތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ރައީސުލްޖުމްހުރިއްޔާ އަންނަނީ ފައްޓަވައިދެއްވަމުންނެވެ.