ENGLISH
03 ސެޕްޓެމްބަރު 2025
ސަރުކާރުން ފަށާފައިވާ މަޝްރޫއަކީ އަމާންކަން ކަށަވަރުކުރުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު: އިހުސާން
25 އޯގަސްޓު 2025
|
ރައީސް ޑރ.މުއިއްޒާއި މިނިސްޓަރު އަލީ އިހުސާނާއި، ކޮމިޝަނަަރ އޮފް ޕޮލިސް އިސްމާއީލު ނަވީން، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމާއެކު، ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ރަށްރަށުގައި ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއަކީ އަމާންކަމާއި ސުލްހަވެރިކަން ނެގެހެއްޓުމަށް، ރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ މިހާތަނަށް، ހިންގޭ އެންމެ ބޮޑު ބިޔަ މަޝްރޫއުކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހދ.ހަނިމާދުގައި ގާއިމުކުރާ ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވަައިދެއްވުމަށްފަހު މީޑިޔާއަށް ދެއްވި ބަސްދީގަތުމެއްގައި އިހުސާން ވިދާޅުވީ ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ކަމަށެވެ. އޭގެ އިތުރަށް ސަތޭކައަށްވުރެ ގިނަ ރަށުގައި ފުލުހުންގެ ހިދުމަތް ދެމުން އައީ އެފަދަަ އާއްމު ހިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ނެތިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރުވެސް އެކަށީގެންވާ މިންވަރަަށް ރަނގަޅުނުވާކަން އިހުސާން ފާހަަގަަކުރެއްވިއެވެ.
މި މައްސަލަ ހައްލުކުރެއްވުމަށް ރައީސް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް މިހާރު ކުރިއަށްދާ މަޝްރޫއަކީ ރައްޔިތުންނަށް ކައިރިން އެކަށީގެންވާ ފެންވަރުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ފުރިހަމަކުރުމަށް ހިންގާ މަޝްރޫއެއްކަމުގައި އިހުސާން ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކީ އަދި މި ޕްރޮޖެކްޓުގެ ސްކޯޕަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެ ރައްޔިތުންނަށް ލިބެންޖެހޭ ފުލުހުންގެ ހިދުމަތް އެންމެ ރަނގަޅަށް ވީހާވެސް ކައިރިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދިއުން. އޭގެ ތެރޭގައި ރީޖަނަލް ހެޑްކުއާޓާސްތަކާއި އަތޮޅު ލެވެލްގެ ސްޓޭޝަންތަކުގައި އަދި ހަނިމާދޫ ފަދަަ އާބާދީ ބޮޑު ބޮޑެތި ރަށްރަށުގައި ގިނަ ފުލުހުން ތިބެގެން ގިނަ ވަސީލަތްތަކާއެކު ހިދުމަތް ދެވޭނެ ގޮތަށް ފުލުހުންގެ އިންފްރަސްޓްރަކްޗާ ތައްޔާރުވުން،" މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މިހާރު ގާއިމުކުރެވޭ ފުލުސް ސްޓޭޝަންތަކުގައި ބަންދުގައި ބައިތިއްބާ މީހުން ތިބޭނެ ތަންތަނާއި، އިންޓެލިޖެންސް ޔުނިޓުތަކަށް ހާއްސަ ސެލްތަކާއި ތަހުގީގުކުރުމަށް ބޭނުންވާ ޖާގައާއި، އުޅަނދުފަހަރު ޓޯކުރަންޖެހޭ ރަށްތަކުގައި އެކަމަށް ބޭނުންވާ ޖާގަވެސް ގާއިމުކުރެވޭނެކަން މިނިސްޓަރު ފާހަަގަކުރެއްވިއެވެ. އަދި ފުލުހުންގެ އުޅަނދުތައް ބަލަހައްޓައި މަރާމާތުކުރުމަށް ބޭނުންވާ ވަސީލަތާއި ޖާގަަވެސް ގާއިމުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މުޅި ރާއްޖޭގައި އަޅުގަނޑުމެން ކްރައިމާަ ދެކޮޅަށް ކުރަމުންދާ މި މަސައްކަތުގައި އިންފްރަސްޓްރަކްޗާ ގާއިމުވެގެންދިޔައީމަ، ރާއްޖޭގެ ރަށްރަށުގައި ކުށުގެ ވެށި ނައްތައިލުމަށާއި، އެ ވެށީގައި މީހުން ހަރުނުލާ ގޮތަށް ފުލުހުންގެ މަސައްކަތް ތަރުތީބުކުރުން އެބައޮތް. އޭގެ އިތުރަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަންް ފުލުހުންގެ މަސައްކަތް އަމާޒުކުރަން ކުށަށް މީހުން އެރުމުގެ ކުރިން ހުއްޓުވުމަށް،" އިހުސާން ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑު ދަންނަވާނީ ރާއްޖޭގައި މީހުން އުޅެން ފެށީއްސުރެ މިހާތަނަށް އަމާންކަމާއި ސުލްހަމަސަލަސްކަން މުޖުތަމައުގައި ގާއިމުކުރުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއޭ މިއީ،"
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިމުމުގެ ކުރިން ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ހުރިހާ ރަށެއްގައި ހިދުމަތް ގާއިމުކުރުން ކަމަށާއި، އެގޮތުން ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފުލުހުންގެ ހިދުމަތް ގާއިމުވެފައި ނެތް ހުރިހާ ރަށެއްގައި ނޮވެންބަރު މަހުގެ ނިޔަލަށް އެ ހިދުމަތް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އަދި އިހުސާން ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުގެ އަމާޒަކީ ރައީސްގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅައި ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމެވެ.