ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ނައިވާދޫގައި އޭޓީއެމް އިފްތިތާހުކޮށް އިތުރު މަޝްރޫއުތައް ފައްޓައިފި

25 އޯގަސްޓު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ތިލަދުންމަތީ ދެކުނުބުރީގެ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހަނިމާދޫއަށް ވަޑައިގެން އެއަތޮޅު ނައިވާދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު އިފްތިތާހުކޮށް އިތުރު ތިން މަޝްރޫއެއްވެސް ފައްޓަވައިދެއްވައިފިއެވެ.

ބީއެމްއެލް ގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ނައިވާދޫ ކައުންސިލް ރައީސް އަލީ ރަޝީދު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

މި ހިދުމަތް ފެއްޓެވުމަށް ފަހު ރައީސް ވަނީ ހަނދާނީ ބޭންކް ކާޑެއްވެސް ރަށު ކައުންސިލާއި ހަވާލު ކުރައްވާފައެވެ.

ނައިވާދޫގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތްވެސް މި އޭޓީއެމުން ލިބޭނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

އޭޓީއެމްގެ އިތުރުން މި ރަށުގެ ކައުންސިލް އިދާރާގެ ބިންގާވެސް އަޅައިފިއެވެ. ނައިވާދޫގައި ތަރައްޤީކުރާ ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ. އަރިހުގައި ނައިވާދޫ ކައުންސިލް ރައީސް އަލީ ރަޝީދު މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ. ނައިވާދޫ ކައުންސިލް އިމާރަތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ.

ނާވައިދޫ ކައުންސިލު އިމާރާތުގެ އަމަލީ މަސައްކަތް ފެށުން، ފޮޓޯ: ރައީސް އޮފީސް 

ބާވެފައިވާ ކައުންސިލް އިމާރާތްތައް މަރާމާތުކޮށް ތަރައްޤީކުރުމާއި، މުޅިން އަލަށް ކައުންސިލް އިމާރާތްތައް ޤާއިމުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން އާރުސީސީއާ ޙަވާލުކޮށްގެން 55 ކައުންސިލް އިމާރާތް އެޅުމަށް މިހާރު ވަނީ ޙަވާލުކޮށްފައެވެ. އަދި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 50 ކައުންސިލް އިމާރާތުގެ މަސައްކަތް ކުރުމަށް ވަނީ ނިންމައިފައެވެ.

ކައުންސިލް އިދާރާގެ ބިންގާއަށް ފަހު ނައިވާދޫ ފިޓްނެސް ސެންޓަރުގެ ބިންގާވެސް އެޅިއެވެ.

ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އަދި ނައިވާދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދެވެ.

ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީވެސް ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓްގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.

އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކުޅިވަރުގެ ދާއިރާ ހަރުދަނާ ކުރުމުގެ މަސަތްކަތަކުގެން ތެރެއިން ނައިވާދޫގައި ފުޓްސަލް ދަންޑުވެސް ރައީސްވަނީ ހުޅުވައިދެއްވާފައެވެ.

އެ މަނިކްފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި ނައިވާދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.

މި މަޝްރޫއު ތަކުގެ އިތުރުން ރައީސްވަނީ ހދ. ނައިވާދޫގެ ޕޮލިސް ސްޓޭޝަންގެ ބިންގާވެސް އަޅައިދީފިއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. 

އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އާއި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަދި ނައިވާދޫ ކައުންސިލުގެ ރައީސް އަލީ ރަޝީދު މުހައްމަދް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ އަމާޒު ހާސިލުކުރުމުގެ ގޮތުން ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރު އެކި ކުންފުނިތަކާ ހަވާލުކޮށްގެން ސަރުކާރުން އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު