ENGLISH

05 ނޮވެމްބަރު 2025

Advertisement

ރައީސް ދެއްވީ ނާވައިދޫގެ މަޝްރޫއުތައް ހިންގަަވާނެކަމުގެ ޔަގީންކަމާއެކު، ތިލަދުންމައްޗަށް ޓޫރިޒަމް ގެނެވޭނެކަމުގެ އުންމީދު

25 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނާވައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަައި ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް

ހދ.ނާވައިދޫގައި ހިންގުމަަށް ސަރުކާރުން ނިންމާފައިވާ ތަރައްގީގެ އެކި މަޝްރޫއުތައް މަޑުނުޖެހޭ ގޮތަށް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވުމާއެކު، ހދ.އަތޮޅަށް ފަތުރުވެރިކަން ގެނެސްދެއްވާނެ ކަމުގެ އުންމީދު އެ އަތޮޅުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވަައިފިއެވެ. 

ހދ.އަތޮޅުގެ މީހުން ދިރުއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސްވަނީ މިއަދު ނާވައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ނާވައިދޫއަށް މިހާރު އެންމެ މުހިއްމުވެފައި އޮތް އެއް މަޝްރޫއު ކަމުގައިވާ ނާވައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވެއެވެ. 

އެ މަޝްރޫއަކީ ނާވައިދޫގެ އިގުތިސާދީ ކުރިމަގާ ގުޅިފައިވާ ރަށުގެ ރައްޔިތުންނަށް އިތުރު ގިނަ ފުރުސަތުތަކެއް ފަހިވާނެ މަޝްރޫއެއްކަން ފާހަގަކުރައްވަމުން ރައީސްވަނީ ނާވައިދޫއަށް މުހިއްމުވެފައި ހުރި ބައެއް މަޝްރޫއުތަކަށް އަލިއަޅުވައިލައްވައި އެ މަޝްރޫއުތަކުގެ މަސައްކަތުގެ އަދާހަމަ މައުލޫމާތު އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. 

ނާވައިދޫއަކީ ފުޓުބޯޅައިގެ ދާއިރާގައި ވަރަށް ބޮޑަށް ކުރިއަރާފައިވާ ރަށެއްކަން ފާހަގަކުރައްވަމުން، އެ ރަށުގައި ފުޓުބޯޅަ ކުޅޭނެ ރަނގަޅު ދަނޑެއް ނެތް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލު ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މަހުގެ ތެރޭ ފުޓުބޯޅަދަނޑުގެ މަސައްކަތް ޓެންޑާކޮށް، އެ މަސައްކަތްކުރާނެ ބަޔަކު ހޯދާފަައިވާ ކަމަށެވެ. އަދި އެ ދަނޑުގެ އަމަަލީ މަސައްކަތް ވަރަށް އަވަަހަށް ފެށިގެންދާނެ ކަމަށާއި، ދަނޑު ގާއިމުކުރާނީ ހުރިހާ ވަސީލަތްތަކާއެކު ރަނގަޅު ފެންވަރުގައި ހުރިހާ ކަމެއް ފުރިހަމަވާ ގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ އެ ރަށު ސްކޫލުގެ ހޯލުގެ މަސައްކަތް މަޑުޖެހިފައި އޮތް ނަމަވެސް ދަތިތައް ހައްލުކުރެވި މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދިއުމަށް އެމްޓީސީސީން ތައްޔާރުވެފައިވާ ކަމަށާއި، އެ މަޝްރޫއު ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށެވެ. 

އިތުރަށް ރައީސް ވިދާޅުވީ އެ ރަށުގެ ނަރުދަމާގެ މަޝްރޫއަކީ މިހާރު ވަރަށް ބޮޑަށް މަޑުޖެހިފައި އޮތް މަޝްރޫއެއް ކަމުގައިވާތީ، އެ މަޝްރޫއުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދިއުމަށްޓަކައި ކޮންޓްރެކްޓަރަށް އެއްވެސް ކަހަލަ މާލީ ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކޮށްދެއްވާނެ ކަމުގައެވެ. 

އަންނަ އަހަރުގެ ބަޖެޓުގައި ނާވައިދޫގެ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް، އިތުރު ވަސީލަތްތައް ގާއިމުކޮށް ލެބޯޓަރީ ހިދުމަތް ފުޅާކުރުން ހިމެނިގެންދާނެކަން ފާހަގަކުރައްވަމުން ރައީސްވަނީ އެ ރަށަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

އޭގެ އިތުރަށް އެ ރަށުގެ ބަނދަރާއި މަގުތައް ރަށު ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީކޮށްދެއްވާނެ ކަމުގައި ވިދާޅުވުމާއެކު، ރައީސްވަނީ ބައެއް ރަށްރަށުގައި ރައްޔިތުން ބޭނުންވަނީ ތާރު އަޅައިގެން މަގުހެދުމަށް ކަމަށާއި އަނެއްބައި ރަށްރަށު ރައްޔިތުން ބޭނުންވަނީ ގާ އަތުރައިގެން މަގު ހެދުމަށް ކަމުގައިވާއިރު އެހެން ރަށްރަށުގެ ރައްޔިތުން އެދެނީ ފެން ހިންދާނެ ނިޒާމަކާއެކު، ވެލި މަގުތަކެއް ހެދުމަށް ކަމުގައިކަން ފާހަގަކުރައްވައި އެއިން ކޮންމެ ގޮތަކަށް މަގު ހެދުމަށް ރައްޔިތުން އެދުނަސް، އެ ރައްޔިތުން ބޭނުންވާ ގޮތަށް މަގުތައް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަންނަ އަހަރު ނާވައިދޫގެ މަގު ހެދުމުގެ މަޝްރޫއު އެ ރަށު ރައްޔިތުން އެދޭ ގޮތަށް ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 

އަދި ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދެ ފަޅު ރަށް ބޭނުންކުރާނެ ގޮތެއް ނިންމައި ކައުންސިލުން ލޭންޑް ޔޫސް ޕްލޭން ހުށަހެޅުމުން އެ ލޭންޑް ޔޫސް ޕްލޭން ފާސްކުރެވި، ރަށަށް އާމްދަނީ ހޯދުމަށް އެ ދެ ރަށް ބޭނުންކުރެވިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

ތިލަދުންމައްޗަަށް ޓޫރިޒަމްގެ އުންމީދު

ތިލަދުންމަތީގައި ޓޫރިޒަމް ތަަރައްގީކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްކުރި ނަމަވެސް މިހާތަަނަށް އެ އަތޮޅުގައި ޓޫރިޒަމް އެކަށީގެންވާ ގޮތަކަށް ތަރައްގީކުރެވިފައިނުވާކަން ރައީސް ފާހަަގަކުރެއްވިއެވެ. އެ މައްސަލަ ހައްލުކޮށް އެ އަތޮޅާއި، ޓޫރިޒަމް ތަރައްގީވެފައި ނެތް އެހެން ބައެއް އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަށް މުހިއްމު ބަދަލުތަކެއް މި ސަރުކާރުން ގެނެސްފައިވަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ސަރުކާރުން ގެނައި ބަދަލުތަކުގެ ތަފުސީލަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އެ ސަރަހައްދުތަަކުގައި އިންވެސްޓުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން އިންވެސްޓަރުންނަށް ވަރަށް ބޮޑު ލުއިތަކެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ހދ.އަތޮޅުންވެސް ވަރަށް ގިނަ ފަޅާއި ފަޅުތަކުގެ ބައިތައް ހިމެނޭ ގޮތަށް 10 ތަނެއް އެ ލުއިތައް ލިބޭ ގޮތަށް ބީލަމަށް ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ. 

"އިންވެސްޓުކުރާ ފަރާތަށް ވަރަށް ބޮޑެތި ލުއިތަކެއް ދީފައި، އިންސެންޓިވްތަކެއް ދީފައި އިއުލާނުކޮށްފައި އޮންނާނެ. މި އަތޮޅުންވެސް ވަރަށް ގިނަ ފަޅުތަކާއި ފަޅުފަޅުން ބައިބަޔާ ހިމެނޭ ގޮތަށް ދިހަ ވަރަކަށް ސަރަހައްދު މި އަތޮޅުން އިއުލާނުކޮށްފައިވަނީ. މިހާރު ބިޑިންއަށް ހުޅުވާލެވިފައި އޮތީ،" ރައީސް ވިދާޅުވިއެވެ. 

"މިހާރު ބައެއް ފަރާތްތަކުން ބަައެއް ސަރަހައްދުތަކާ ގުޅޭ މައުލޫމަތު ސާފުކޮށް ބިޑު ހުށަހެޅުމުގެ މަސައްކަތް އެބަ ހިނގާ،" 

އެމްޓީޑީސީއަށް ތަރައްގީކުރަން ދީފައިވާ ނާގޯށި ތަރައްގީކުރުމުގެ މަސައްކަތަަކީ ފާއިތުވި ދުވަސްތަކުގައި ކުރަން އުޅެ ނުކުރެވި އޮތް ކަމެއްކަމަށާއި، ނަމަވެސް ފިނޭންސް މިނިސްޓްރީ މެދުވެރިގެން ބީއެމްއެލް ޒަރީއާއިން އެ ރަށް ތަރައްގީކުރުމަށް އެމްޓީޑީސީއަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެހިފައިވާ ކަމަަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ހައްލުކުރެވުމާއެކު، ނާގޯށި ތަރައްގީކުރުމަށް އެމްޓީޑީސީން މިހާރު މޮބިލައިޒްވެސް ކޮށްފައިވާ ކަމަށެވެ. 

"އެމްޓީޑީސީއަށް ނާގޯށި މަސައްކަތް ފެށުމަށް އެވަނީ މޯބިލައިޒްކޮށްފައި. އެއީ ވަރަށް ދުވަސްވީ މައްސަލައެއް، ނުހިނގާ. ކުރަން އުޅެ ނުވެފަ. އެހެންނަމަވެސް މިހާރު އެ މަސައްކަތް ބާރު ސްޕީޑުގައި ގެންދެވޭނެ ގޮތް މިވަނީ ފަހިކޮށްފައި،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ހދ.އަތޮޅުގައި ޓޫރިޒަމް ތައާރަފުކުރުމަށް ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކާއެކު ޓޫރިޒަމް ނެތް އަތޮޅެއްގެ ލޭބަލް އެ އަތޮޅުން ނެއްޓި، އެ އަތޮޅަކީ ފައްކާކަމާއެކު ފަތުރުވެރިކަން ހިނގާ އަތޮޅަކަށް ބަދަލުވާނެ ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު