ENGLISH
05 ނޮވެމްބަރު 2025
ދަރަނި އަދާކުރުމުގެ ހަރަދު ހަ ބިލިއަނުން މައްޗަށް، ޑެފިސިޓުނުވެ 1.4 ބިލިއަނުގެ އަރަނި
25 އޯގަސްޓު 2025
|
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މިހާތަނަށް ދައުލަތުގެ ބަޖެޓުން ދަރަނި އަދާކުރުމަށް 6.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވި ނަމަވެސް ބަޖެޓު ޑެފިސިޓުނުވެ، 1.4 ބިލިއަން ރުފިޔާއިން އަރަނިވެރިވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން ހަފުތާއަކު އެއްފަަހަރު އާއްމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު، ހިނގަމުންދާ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 23.7 ބިލިއަން ރުފިޔާއެވެ. އެއީ 2024 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 21.9 ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 8.08 އިންސައްތަ އިތުރު އަދަދެކެވެ.
ހަރަދުތަކަަށް ބަލާއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި 26.7 ބިލިއަން ރުފިޔާ ހަރަދުވިއެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ހަރަދުވެފައިވަނީ 22.3 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ދައުލަތުގެ ހަރަދުތައް ނިމުނު އަހަަރަަށްވުރެ 12.9 އިންސައްތަ ދަށްވެފައިވެއެވެ.
އާމްދަނީ އިތުރުވެ ހަރަދުތައް ކުޑަކުރެވުނުއިރު ނިމުނު އަހަަރާ އަަޅާބަލާއިރު ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދުތައް އިންތިހާއަށް އިތުރުވިކަން މާލީ ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރު ފައިނޭންސިން އަދި އިންޓަރެެސްޓުގެ ހަރަދުގެ ގޮތުގައި ހޭދަވި 2.7 ބިލިއަން ރުފިޔާއާއި ލޯނު ދެއްކުމަށް ހަރަދުވި 1.5 ބިލިއަން ރުފިޔާއާއެކު ދަރަނި އަދާކުރަން ހަރަދުވީ 4.3 ބިލިއަން ރުފިޔާއެވެ.
މި އަހަރުގެ ޖަނަވަރީ އެކަކުން އޯގަސްޓު ހަތްވަނަ ދުވަހުގެ ނިޔަލަށް އިންޓަރެސްޓާއި ފައިނޭންސިން ހަރަދުގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ އަދި ލޯނު ދެއްކުމަށް 3.8 ބިލިއަން ރުފިޔާ ހަރަދުވިއެވެ. އެހެންކަމުން ދަރަނި އަދާކުރުމުގެ ހަރަދުގެ ގޮތުގައި ޖުމްލަ 6.5 ބިލިއަން ރުފިޔާ މި އަހަރު ހޭދަވިއެވެ.
މި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތުގެ ދަރަނި އަދާކުރުމަށް ހޭދަކުރި ފައިސާގެ އަދަދު ނިމުނު އަހަރު ހަރަދުވި މިންވަރަށްވުރެ 51.6 އިންސައްތަ އިތުރުވެފައިވެއެވެ.
މާލީ ހިސާބުތަކުން ދައުލަތުގެ ދަރަނި އަދާކުރުމަށް ކުރަންޖެހުނު ހަރަދު އިތުރުވިކަން އެނގޭއިރު، ދައުލަތުގެ ހަރަަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމުގެ ހޭދަ އުނިކޮށް އާމްދަނީން ހަރަދު ކެނޑުމުން 4.1 ބިލިއަން ރުފިޔާއިން އަރަނިވާނެއެވެ. އަދި ހަރަދުތަކުގެ ތެރޭގައި ދަރަަނި އަދާކުރުމުގެ ހޭދަ ހިމެނުމުން 1.4 ބިލިއަން ރުފިޔާއިން ބަޖެޓު އަރަނިވެރިވެއެވެ.
ފާއިތުވި އަހަަރުގެ އޯގަސްޓު ހަތްވަނަ ދުވަހާ ހަމައަށް ބަޖެޓުގެ ޖުމްލަ ޑެފިސިޓު އޮތީ 4.8 ބިލިއަން ރުފިޔާގައެވެ. އެހެންކަަމުން މި އަހަރު ބަޖެޓު ޑެފިސިޓުނުވެ އަރަނީގައި މިހާތަނަށް ގެނެވިފައި އޮތް އޮތުމަކީ ވަރަށް ބޮޑު ކާމިޔާބެކެވެ. ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކުރި އެއް ސަބަބަކީ ބަޖެޓުގެ ޑެފިސިޓު އަހަރުން އަހަރަށް އިތުރުވުންކަމަށްވާއިރު ބަޖެޓު އަރަނީގައި ހިންގަމުންދާނަމަ، ކުރިއަށް އޮތް ތަނުގައި ކްރެޑިޓް ރޭޓިން ރަަނގަޅުވާނެ ކަމުގައި ބެލެވެއެވެ.