ENGLISH
05 ނޮވެމްބަރު 2025
ހަނިމާދޫ ފުލުސް ސްޓޭޝަނާއި، އެފްއާރްސީއާއި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައި، އޭޓީއެމް އިފުތިތާހުކޮށްދެއްވައިފި
25 އޯގަސްޓު 2025
|
ހަނިމާދޫ އޭޓީއެމް ހިދުމަތް ރައީސް ފައްޓަވައިދެއްވަނީ، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ހދ.ހަނިމާދޫގައި ގާއިމުކޮށްފަައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް އިފުތިތާހުކުރައްވައި، އެ ރަށުގަައި އަޅާ ފުލުސް ސްޓޭޝަނާއި އައު ހޮސްޕިޓަލާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ހާއްސަަ ރަސްމިއްޔާތެއްގައި ހަނިމާދޫގައި އަޅާފައިވާ އޭޓީއެމްގެ ހިދުމަތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވުމުގެ ގޮތުން ރައީސްވަނީ އޭޓީއެމް ބޭނުންކުރައްވާފައެވެ. އޭޓީއެމް ބޭނުންކުރެއްވި ކާޑު އެމަނިކުފާނުވަނީ އެ ރަށު ކައުންސިލަށް ހަދިޔާކުރައްވާފައެވެ.
މި އޭޓީއެމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ތައާރަފުކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ބީއެމްއެލްއާއި ސަރުކާރު ގުޅިގެން ކުރިއަށްގެންދާާ މަޝްރޫއުގެ ތެރެއިން ހަނިމާދޫގައި ގާއިމުކުރެވިގެންދިޔަ އޭޓީއެމެކެވެ.
ހަނިމާދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވުން، ފޮޓޯ: ރައީސް އޮފީސް
އޭގެ އިތުރަށް މިއަދު ހަނިމާދޫގައި އޮތް ރަސްމިއްޔާތެއްގައި މުހިއްމު ތިން މަޝްރޫއެއްގެ ބިންގާ އަޅުއްވާފައިވެއެވެ. އެގޮތުން އެ ރަށުގައި ބިނާކުރާ އައު ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅުއްވައި އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައިވެއެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އާރްޑީސީންނެވެ.
ހަމައެހެންމެ ހަނިމާދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާވެސް އަޅުއްވާފައިވެއެވެ. އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ދުޅަހެޔޮކަމާއި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއެވެ. މި މަޝްރޫއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަދި ހަަނިމާދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި އެ އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވެއެވެ. އެ މަޝްރޫއު ފައްޓަވަައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އާރްޑީސީންނެވެ.
ހަނިމާދޫ އެފްއާރްސީގެ ބިންގާ އެޅުން، ފޮޓޯ: ރައީސް އޮފީސް
ރައީސް އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްގީއަށް ރޭވިފައި ހުރި ގިނަ މަސައްކަތްތަކެއް އަންނަނީ ފަށަމުންނެވެ. އަދި ކުރިން ފަށާފައި ހުރި ބައެއް މަސައްކަތްތައް ނިންމައި، ގާއިމުކުރެވުނު ހިދުމަތްތައް ރައީސް ގެންދަވަނީ އިފުތިތާހުކޮށްދެއްވަމުންނެވެ.
އަދި މި ދަތުރުފުޅުތަކުގެ ތެރެއިން ރަށްރަަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަައި އެ ރަށްރަށުގެ ތަރައްގީއަށް ރޭވިފައި ހުރި މުހިއްމު މަޝްރޫއުތަކާއި، ކުރިއަށް އޮތް ތަނުގައި އެ ރަށްރަށުގައި ކުރިއަށްގެންދަވާނެ މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ގެންދަވަނީ މައުލޫމާތު ދެއްވަމުންނެވެ. އަދި މަޝްރޫއުުތައް ހިންގަންވީ ގޮތްތަކާ ގުޅޭ ގޮތުން ރަށްރަށުގެ ކައުންސިލުތަކާ އެމަނިކުފާނު ގެންދަވަަީ މަޝްވަރާކުރައްވަމުންނެވެ.