ENGLISH
05 ނޮވެމްބަރު 2025
ހަނިމާދޫ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި
25 އޯގަސްޓު 2025
|
ހދ. ހަނިމާދޫ ފިޓްނެސް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
އެ ސެންޓަރުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތިލަދުންމަތީ ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހަނިމާދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އަދި ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުލް ސައްތާރު ހަސަންނެވެ.
ހަނިމާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ސްޕޯޓްސް، ސްޕޯޓްސް މިނިސްޓްރީން އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓްގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.
ހަނިމާދޫގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ހދ. ފިނޭގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅައިފައެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.