ENGLISH
05 ނޮވެމްބަރު 2025
ހަނިމާދޫ އެއާޕޯޓު ނޮވެމްބަރަށް ބޭނުންކުރަން ފެށޭނެ: ރައީސް
24 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ހަނިމާދޫގައި ތަރައްގީކުރާ އިންޓަނޭޝަނަލް އެއާޕޯޓު އަންނަ ނޮވެމްބަރަށް ބޭނުންކުރަން ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ހަނިމާދޫގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓަކީ އެ ރަށުގެ އެންމެ މުހިންމު މަޝްރޫއު ކަމަށެވެ. އަދި އެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފެށޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތާއެކު އެންމެ ހަލުވި ސްޕީޑުގައި ނިންމުމަށް ކުރާ މަސައްކަތް ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއާޕޯޓުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ތަރައްގީ ކުރުމަށްވެސް އެންމެ ގިނަ ދުވަސް ނެގި އެއާޕޯޓު ކަމަށެވެ.
"އެ އެއާޕޯޓުން ފުރާ ފަސިންޖަރުންނަށް ހުޅުލޭގެ ފަސިންޖަރުން ފުރާ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭފަދައިން ހަމަޖައްސާނަން. ޑޮލަރު ވާހަކަ ދައްކާއިރު އެއާޕޯޓް ބޭރުން އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ޑޮލަރު އޭޓީއެމެއް ވެސް އިރާދަކުރެއްވިއްޔާ ބަހައްޓައިދޭނަން، " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއެކު އެ ރަށުގައި ފަތުރުވެރިކަން ވެސް ފުޅާވެގެންދާނެ ކަމަށެވެ.
މި ހިނގާ ޖުލައި މަހުގެ އެއް ވަނަ ދުވަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ 88.7 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
މަޝްރޫޢުގެ ދަށުން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކުގެ ތެރެއިން 2.7 ކިލޯމީޓަރުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ފަސިންޖަރުންގެ ޓާމިނަލްގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، އެއާޓްރެފިކް ކޮންޓްރޯލް ޓަވަރާއި ކާގޯ އިމާރާތުގެ އިތުރުން ފިއުލް ފާމް މަސައްކަތުގެ 96 އިންސައްތަ މަސައްކަތް ނިންމާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަނިމާދޫ އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ކުރަމުން އަންނަ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިންޑިއާގެ ކަލްފަތަރު ޕްރޮޖެކްޓްސްއާ ހަވާލުކުރީ 2022 ވަނަ އަހަރެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.