ENGLISH
05 ނޮވެމްބަރު 2025
އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޑރ. ޚަލީލް ސަޢޫދީއަށް ވަޑައިގެންފި
24 އޯގަސްޓު 2025
|
ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައި ވަޒީރު ޑރ. ޚަލީލް ވާހަކަދައްކަވަނީ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.
ސަޢޫދީ އަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ކައުންސިލް ބައްދަލުވުން އޮންނާނީ އޮގަސްޓް 25 ވަނަ ދުވަހެވެ.
ޚާރިޖީ ކައުންސިލް ބައްދަލުވުމަކީ އޯއައިސީގައި ހިމެނޭ 57 ޤައުމުން ކޮންމެ އަހަރަކުވެސް ބާއްވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ކުރެވޭ މައިގަނޑު މަޝްވަރާއަކީ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާއެވެ.
މިފަހަރުގެ ބައްދަލުވުން ޚާއްޞަކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ފަލަސްތީނުގެ މައްޗަށް ވެރިވެގަނެ، އިސްރާއީލުގެ ބާރުގެ ދަށަށް ޣައްޒާ ގެންދިއުމަށް ނިންމުމާ ގުޅިގެން، އެކަމާ ގުޅުންހުރި މަޝްވަރާތައް ކުރުމަށެވެ.
ވަޒީރު ޑރ. ޚަލީލް ވަނީ މިއަހަރުގެ ޖޫން މަހު ވެސް އޯއައިސީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ތަޤުރީރުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުން، ވަޒީރު ޑރ. ޚަލީލް ވަނީ، ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތަށް ރިޢާޔަތްކޮށް، އިސްރާއީލުން މެދުކެނޑުމެއްނެތި ޢައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތުކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އެފަހަރުގެ ބައްދަލުވުމުގައި ވަޒީރު ޑރ. ޚަލީލް އެރުއްވިއެވެ.
ސަޢޫދީ އަރަބިއްޔާގައި ބާއްވާ މިފަހަރުގެ ކައުންސިލް ބައްދަލުވުމުގައި ވެސް ފަލަސްތީނުގެ ޙާލަތާ ގުޅޭގޮތުން ވަޒީރު ޑރ. ޚަލީލް ކަންބޮޑުވުން ފާޅުކުރައްވައި، އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް ގޮވާލައްވާނެއެވެ.