ENGLISH
05 ނޮވެމްބަރު 2025
ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ބޭނުންކުރުމުގެ މައްސަލަތައް ހުށައެޅުން އިތުރުވެއްޖެ
24 އޯގަސްޓު 2025
|
ދިވެހި ފުލުހުންގެ ޚިދުމަތް
ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެޕްލައި ކުރުމަށް ސައްހަނޫން އެކަޑަމިކް ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާ ކަަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.
އެ ސަރވިސް އިން ވަނީ އެކަން ހާމަކޮށް މިއަދު ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިފަދަ އަމަލުތަކަކީ ޤައުމުގެ ތަޢުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުޙައްޤު މަންފާތަކެއް ލިބި، އާންމު ޚިދުމަތްތަކުގެ ފެންވަރާއި ޢިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެއް ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން، ސެޓްފިކެޓް ފޯޖްކުރުމުގެ މި މައްސަލަތައް ދަނީ ތަހުޤީޤު ކުރަމުން ކަމަށާ މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުން ތަހުޤީޤުކޮށް ދަޢުވާކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ސައްޙަނޫން ސެޓްފިކެޓް ހުށަހެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ޤާނޫނުލްއުޤޫބާތުގެ 310 ވަނަ މާއްދާ (ސައްޙަ ލިޔުމަށް ބަދަލުގެނައުމާއި، އެ ހަދާ ލިޔުން ނަކަލުކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުން) އާއި 311 ވަނަ މާއްދާ (ލިޔުމާއި ރެކޯޑާއި އެހެނިހެން ވަސީލަތްތަކާ ބެހުން) އަދި 312 ވަނަ މާއްދާ (ޝަހުސު އޮޅުވާލުން) ގެ ދަށުން ޖިނާއީ ކުށެއް ކަން ފުލުހުން ވަނީ ހަނދާން ކޮށްދީފަ އެވެ.
މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަ މި މާއްދާތަކުގެ ދަށުން ތަހުޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުންޏެވެ.
މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތައުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ފްރޭމްވޯކްގެ އޮނިގަނޑަށް އަމަލުކުރުމަށް ވަނީ ހަނދާންކޮށްދީފަ އެވެ. އަދި ވަޒީފާދޭ ފަރާތްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކާއި، ސަރުކާރުގެ މުއައްސަސާތަކުން، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްޙަކަން ކަށަވަރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އެދިފަ އެވެ.
މީގެ އިތުރުން ސައްޙަނޫން ސެޓްފިކެޓެއް ކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ނުވަތަ ކަމާގުޅުންހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްޙަކަން ކަށަވަރު ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. މިގޮތުން ސައްޙަކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.