ENGLISH
05 ނޮވެމްބަރު 2025
ހަނިމާދޫގައި ހިރިމަރަދޫ ހުރިހާ ރައްޔިތުންނަށް ގޯތި ހަމަޖެހޭނެ، ފައިސާގެ އެހީއެއްވެސް ލިބޭނެ: ރައީސް
24 އޯގަސްޓު 2025
|
ރައީސް ޑރ.މުޢިއްޒަށް ހިރިމަރަދޫ ރައްޔިތުން މަރުހަބާ ދަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާއިރު، ހިރިމަރަދޫގައި ގޯއްޗެއް އޮތް ކޮންމެ ރައްޔިތަކަަށް ހަނިމާދޫން ގޯއްޗަކާއި ގެއެއް ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހދ.އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިރިމަރަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ހިރިމަރަަދޫން ގޯއްޗެއް ލިބިފައިވާ ކޮންމެ މީހަކަށްވެސް ހަނިމާދޫން ގޯއްޗެއް ލިބޭނެ ކަމަށެވެ. އަދި ގޯތި ލިބޭއިރު ގޯތީގައި ގެއެއްވެސް އެޅިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރަށް އެ ރަށު ރައްޔިތުން ހަނިމާދޫއަށް ބަދަލުވާއިރު ބަދަލުވުމުގެ ބަދަލުގައި ދޭ ފައިސާވެސް ލިބޭނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިން އެގޮތަށް ބަދަލުވާއިރު ދެމުން އަންނަނީ މި ޒަމާނަށް ބަލާއިރު ވަރަށް ކުޑަ ފައިސާކޮޅެއްކަމުގައެވެ. އެހެންކަމުން އެގޮތަށް ބަދަލުވާއިރު ސަރުކާރުން ދެމުންދާ ފައިސާގެ އަދަދު މުރާޖައާކުރުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަނިމާދޫގައި އެ ރަށު ރައްޔިތުންނަށް ބޭނުންވާ ގެދޮރާއި، އެހެނިހެން ހިދުމަތްތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަަށް ފެށި، ހަލުއި ދުވެލީގައި މަސައްކަތް ކުރިއަށްގެންގޮސް ނިންމައިލެވޭނެ ކަމަށެވެ. އެގޮތުން އެންމެ ގިނަވެގެން 18 މަސްދުވަސް ނުވަތަ ދޮޅު އަހަރު ތެރޭގައި މަސައްކަތް ނިންމަވައިލެވޭނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އެދުމުން ބޭނުންވާ ރަށަކަށް ބަދަލުވުމަށް މަގުފަހިކުރުން ކަމަށް ވިދާޅުވުމާއެކު ރައީސް ހާމަކުރެއްވީ ބަދަލުވާން ބޭނުންވާ ރަށްތައް ނިންމަނީ ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން އެދޭ ގޮތް ބަލައިގެން ކަމަށެވެ.