ENGLISH

05 ނޮވެމްބަރު 2025

Advertisement

ހަނިމާދޫގައި ހިރިމަރަދޫ ރައްޔިތުންނަށް ގެދޮރު ބިނާކުރުން އެޗްޑީސީއާ ހަވާލުކޮށްފި

24 އޯގަސްޓު 2025

|

ޝިފްޒާން އަޙްމަދު

ހދ.ހަނިމާދޫއަށް ހިޖުރަކުރާ އެ އަތޮޅު ހިރިމަރަދޫ ރައްޔިތުން ވަޒަންވެރިވުމަށް ހާއްސަކޮށްފައިވާ ބިމުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

އެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ހދ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ހިރިމަރަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. 

މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އާއެވެ. އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ސޮއިކުރެއްވިއިރު، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަބްދުﷲ ޒުހައިރެވެ. 

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދުނީ ފާއިތުވި އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އެކަމާ ގުޅޭ މަޝްވަރާތަކަށްފަހު ސަރުކާރުން ނިންމާފައިވަނީ ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ބިން ބޮޑު ހަނިމާދޫއަށް ބަދަލުކުރުމަށެވެ. 

އެއަށްފަހު ސަރުކާރުންވަނީ ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވުމަށްޓަކައި އެ ރައްޔިތުން ހަނިމާދޫގައި ވަޒަންވެރިވެ ދިރިއުޅުމަށް ހާއްސަ ބިމެއް ކަނޑައަޅައިފައެވެ. މިއަދު ގާއިމުކުރެވުނު އެއްބަސްވުމުގެ ދަށުން ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގާނީ އެ ބިމުގައެވެ. 

ގެދޮރު އަޅައިދިނުމުގެ އިތުުރަށް އެ ސަރަހައްދުގައި މީހުން ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ މުނިސިޕަލް ހިދުމަތްތަައްވެސް އެ ސަރަހައްދުގައި ގާއިމުކުރުން އެ އެއްބަސްވުމުގެ ދަށުން އެޗްޑީސީއާ ހަވާލުކޮށްފައިވެއެވެ. 

ތަރައްގީއާއި އާބާދީ އެއްފަސްކުރުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ ތެރެއިން ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު އެހެނިހެން ރަށްރަށުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެ ރަށްރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު