ENGLISH
03 ސެޕްޓެމްބަރު 2025
ރައީސްގެ އަގުހުރި އިލްތިމާސެއް؛ ވާރުތަވި ހެޔޮ ސިފަތައް ރައްކާތެރިކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް
24 އޯގަސްޓު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ދިވެހިންނަށް ވާރުތަވެފައިވާ ރަނގަޅު ހެޔޮ ސިފަތައް ކުރިއށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަސް ފާހަގަކުރުމަށް ހއ.އުތީމުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެންމެ މުހިއްމު ކަމަކީ އަމިއްލަ ހިތްތަކުގައި ގައުމިއްޔަތު އަށަގަންނުވައި، އާލާކޮށް، ކުރިއަށް އޮތް ޖީލުތަކށް އެ ގައުމިއްޔަތު ފޯރުކޮށްދިނުން ކަމަށެވެ. އަދި ގައުމު ގައުމެއްގެ ގޮތުގައި ކުރިއަށްދާނީ، ދިވެހިވަންތަކަން ހިމާޔަތްކޮށް، ދިވެހީންގެ ރިވެތި އާދަތަައް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން މަސައްކަތްކުރުމަަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ގައުމިއްޔަތު އަޅުގަނޑުމެންގެ ހިތުގައި އާލާކޮށް ކުރިއަށް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އަމިއްލައަށް ކުރުން އެއީ އެންމެ މުހިއްމު ކަންތައް. އެއިރުން ގައުމު ގައުމެއްގެ ގޮތުގައި ކުރިއަށްދާނީ،" ރައީސް ވިދާޅުވިއެވެ.
ދިވެހިވަންތަކަން ނުވަތަަ ދިވެހި ޝަަހުސިއްޔަތުގެ ތެރޭގައި ކުރީގައި ވަރަށް ރިވެތި ސިފަތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ސިފަތަކުގެ ތެރޭގައި މައިންބަފައިންނަށް އިހުތިރާމުކުރުމާއި، އިސްރަށްވެހިންނަށް ގަދަރުކުރުމާއި، ކުޑަކުދިންނަށް އަަޅައިލުން ފަދަ ދިވެއްސަކަށްވީތީ ފަހުރުވެރިވުން ހައްގު ސިފަތަކެއް ހުރި ކަމުގައި ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ ދިވެހިވަންތަކަމުގެ ސިފަތައް ރާއްޖޭގައި ފުރިހަމައަށް އޮތްއިރު އަމަލުކުރި ގޮތަށް، ތިމާއަށް އަބުރަކާއި ޝަރަފެއް ލިބިފައި އޮތްކަން ގަބޫލުކުރި ބީދައިން އަނެކާއަށް ހަމަ އެމިންވަރަށް އަބުރަކާއި ޝަރަފެއް ލިބިފައިވާކަން ގަބޫލުކޮށް، އެގޮތަށް އަމަލުކުރަން އަޒުމު އައުކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ތެރެއިން ކޮންމެ މީހަކަށް އަބުރަކާއި ޝަރަފެއް ލިބިފައިވާކަން ގަބޫލުކުރާ ފަދައިން އަނެކާއަށްވެސް އެވަރަށް އަބުރަކާއި ޝަރަފެއް ލިބިފައިވާކަން ގަބޫލުކޮށް، މީގެ ކުރިން ދިވެހިވަންތަކަން ރިވެތިކޮށް ފުރިހަމަކޮށް އޮތް އިރުގައި އޮތް ގޮތަށް ކަންކަން ކުރަން އަޒުމު އައުކުރަންވީ،" ރައީސް ވިދާޅުވިއެވެ.
އަދި ހިތަށް އަންނަހާ އެއްޗެއް ލިޔުމާއި، އަނގައިން ބުނުމަކީ އޮަންނާނެ މިނިވަންކަމެއް ނޫންކަން ގަބޫލުކުރަންޖެހޭ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. އަތާއި ދޫ ރައްކާކުރުމަކީ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށާއި، އަމުދުން މުސްލިމުންނަށްވީތީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ވާޖިބު އަދާކުރުމުގެ އަޒުމް އައުކުރުމަކީ ގައުމީ ދުވަހުގައި ކުރަންޖެހޭ އެންމެ މުހިއްމު ކަންތައް ކަމުގައި ވިދާޅުވެ ރައީސް ފާހަގަކުރެއްވީ އެގޮތަށް އަމަލުކޮށްފިނަމަ ގައުމިއްޔަތު ފުރިހަމައަށް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
ރާއްޖޭގެ މިއަދުގެ ހާލަތަށް އަލިއަޅުވައިލައްވަމުން ރައީސް ވިދާޅުވީ އަނެކާގެ އިއްޒަތާއި އަބުރަށް ބަލައިލުމެއް ނެތްކަމަށާއި، ތިމާއަށް ކުރިއަށްދެވެނިކޮށް އަނެކާއަށް ކޮންމެ ގޮތެއްވިޔަސް ހެޔޮ ކަމަަށެވެ. އަދި ގައުމު ސަލާމަތްކޮށް މިނިވަންކަން ދިފާއުކޮށްގެން މިހާ ހިސާބަށް ގައުމީ ބަތަލުން ގެނެސްދެއްވީ އެގޮތަށް ދިވެހިން އަމަލުކުރުމަށް ނޫން ކަމުގައި ރައީސް ވިދާޅުވިއެވެ.