ENGLISH
03 ސެޕްޓެމްބަރު 2025
ރައީސުލްޖުމްހުރިއްޔާ ދިވެހީންގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތާއި ބޭނުންތެރިކަން އެބަ ހާމަވޭ: އާދަމް ނަޞީރު
24 އޯގަސްޓު 2025
|
ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ހއ. އުތީމުގައި ފާހަގަކުރާ ޤައުމީ ދުވަހާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހީންގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތާއި އޭގެ ބޭނުންތެރިކަން ހާމަވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ނަސީރު މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
"ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ދިވެހީންގެ އަމިއްލަވަންތަކަމަށް، ދިވެހީންގެ ދިވެހި ޤައުމިއްޔަތަށް، ދިވެހީންގެ މާތްވެގެންވާ އިސްލާމް ދީނަށް، ދިވެހީންގެ ބަހަށް، ސަގާފަތަށް، ދިވެހީން ދިރިއުޅެމުން އައި ރަނގަޅު ގޮތްތަކަށް، ދިވެހިންގެ ކިބައިގައި ހުންނަ ހުނަރުތަކަށް މިދެއްވާ އިސްކަމާ، މިކަންކަން މެދުވެރިކޮށް ކުރައްވާ ދިވެހީންގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތާއި އޭގެ ބޭނުންތެރިކަން ޙަޤީގަތުގަ މިކަންކަމުން އެބަ ހާމަވޭ " - ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ވަޒީރު ވިދާޅުވީ، ޤައުމީ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިސްކަމުގެ އެންމެ ބޮޑު ބޭނުންފުޅަކީ ދިވެހި ދައުލަތް ދެމިއޮތުން ކަމަށެވެ.
"އެހެންވީމަ ޤައުމީ ކަންކަމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިދެއްވާ ޚާއްޞަ އިސްކަމުގެ އެންމެ ބޮޑު އެއް ބޭނުންފުޅެއްކަމަށް އަޅުގަނޑަށް ވިސްނެނީ، ހަމަގައިމުވެސް ދިވެހިން ދައުލަތުގެ ދެމިއޮތުން، ދިވެހި ޤައުމުގެ ދެމިއޮތުން، ދިވެހީންނަކީ ހަމަ ދުނިޔޭގެ އެހެން ދައުލަތްތައް ފަދައިން އެހެން ޤައުމުތައް ފަދައިން މިނިވަންކަމާއި ޢިއްޒަތާއި ޝުހުރަތު ޙައްޤު އަދި އެކަން ދާއިމްކުރާ ބައެއްކަން ސާބިތުކޮށްދިނުން" - ވަޒީރު އާދަމް ނަޞީރު އިބްރާހީމް
ދިވެހި ޤައުމިއްޔަތާއި، ދިވެހީންގެ މިނިވަންކަން ޙިމާޔަތްކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތްޕުޅުތަކާއި، އުތީމުގައި ޤައުމީ ދުވަސް ކުލަގަދަކޮށް ކުރިއަށްގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިރުޝާދަށްޓަކައި އަދި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ވަޒީރު އާދަމް ނަސީރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުދަންނަވާފައެވެ.
ވަޒީރު ވިދާޅުވީ ދިވެހީންނަކީ 4000 އަހަރުވީ ތާރީޚުގައި ދިވެހި ދައުލަތް މިނިވަންކަމާއެކީ ދަމަހައްޓާފައިވާ ބައެއް ކަމަށެވެ. ދޭތެރެދޭތެރެއިން ލޮޅުން އަޔަސް އެއިން ކޮންމެ ލޮޅުމެއްގައި ކުޑަކޮށް ފަހަތަށް ޖެހިލާފަ ﷲގެ އިރާދަފުޅާއެކު ނަޞްރާއި ފަތަހަ ދިވެހީންނަށް ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤައުމީ ދުވަހަކީ ރާއްޖޭގެ ތާރީހުގައި އަންނަ ވަރަށް ޚާއްޞަ އަދި މުހިއްމު ދުވަހެއް ކަމަށާއި، ޤައުމީ ދުވަސް މުހިއްމުވަނީ އެއީ ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މުހިއްމު ޚައްޞަ ދުވަހަކަށް ވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.