ENGLISH
03 ސެޕްޓެމްބަރު 2025
ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް: ރައީސް
24 އޯގަސްޓު 2025
|
ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ރައީސް އޮފީސް
ދިވެހީންގެ ހަށިގަނޑުގައި ޖަހާ ޤައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ، މި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި އަގުހުރި ބަޠަލުންގެ ޢަޒުމާއި ހިތްވަރުން ޢިބްރަތް ޙާޞިލްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބޮޑުތަކުރުފާނުގެ އަގުހުރި ޤައުމީ ޖިހާދުގެ ނަޞްރާއި ކާމިޔާބީއަށް 466 އަހަރު މިއަދު ފުރުނު އިރު، އެ ޒިކުރާތަކާއި އެ ހޯއްދެވި ފަޚުރާއި ޝަރަފް ދިވެހީންގެ ހިތްތަކުގައި ދަނީ ތާޒާކަމާއެކު ދިރެމުންކަމަށެވެ.
"ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް މި ދަންނަވަނީ، އަބަދުވެސް ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބަޔެއްގެ ގޮތުގައި ދިވެހީން ދެމި ތިބޭނެކަމުގެ ޢަޒުމު އާކުރަމުން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މި އަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ހއ. އުތީމުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވަނީ ޤައުމީ ދުވަހުގެ ޚާއްޞަ އިހުތިފާލުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހެނދުނު އުތީމަށް ވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ ރަށަށް ވަޑައިގެންނެވިއެވެ.
އުތީމަށް ވަޑައިގަތުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި އޮތް ދިދަނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު މާލެއާއި ރަށްރަށުގައި ބޭއްވީ މިއަދު ހެނދުނު 6:00 ގައެވެ. ދިދަ ނެގުމަށްފަހު، ޚާއްސަ ދުޢާއެއް ކުރުން އޮތެވެ.
ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްޢައްވަލް މަހުގެ އެއް ވަނަ ދުވަހުއެވެ.