ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ގާސިމު ވިދާޅުވެދެއްވީ ރައީސް ޑރ.މުއިއްޒާއި ރައީސް ޔާމީނުގެ ތަފާތު؛ އަނިޔާވެރިކަމާއި އަދަލުވެރިކަމުގެ ފަރަގު

24 އޯގަސްޓު 2025

|

ޒައިނީދަޙުލާން

ރަައީސް ޑރ.މުޙައްމަދު މުޢިއްޒާއި ގާސިމް އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް

ވިލާ އެއާއަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނެގުމުގެ ބަދަލުގައި އެ ކުންފުންޏަށް 18 މިލިއަން ޑޮލަރުގެ ބަދަލެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ އެމަނިކުފާނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ފަދައިން، ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ދައުލަތަށް ނަގައި، އަނިޔާ ދެއްވާނެ ބޭފުޅަކަށް ނުވާތީ ކަމުގައި ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އެކްސްގައި ގާސިމް ޝާއިއުކުރެއްވި ދިގު ލިޔުމެއްގައި ގާސިމް ވިދާޅުވެފައިވަނީ 1993 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވުނު ގދ.ކާޑެއްދޫ އެއާޕޯޓު ގެއްލުމުގައި ހިންގަމުން ދިއުމަށްފަހު، ސަރަހައްދީ އެއާޕޯޓެއްގެ ގޮތުގައި ހިންގަން އެދޭ ފަރާތްތަކަށް އާއްމުކޮށް ހުޅުވައިލި ޓެންޑަރއެއްގައި ވިލާއިން ބައިވެރިވެ، އެ އެއާޕޯޓު ހިންގުމުގެ ފުރުސަތު ކާމިޔާބުކުރީ ގާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިން، އެ ޓެންޑަރގައި ބައިވެރިވި ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅައިގެން ކަމަށެވެ 

ގާސިމު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިވިލް އޭވިއޭޝަން މިންގަނޑުތަކާ އެއްގޮތަށް އެ އެއާޕޯޓު އޮޕަރޭޓުކުރުމަށްޓަކައި ގެންނަންޖެހޭ ގިނަ ބަދަލުތަކެއް ވިލާއިން އެތަނަށް ގެނައި ކަމަށެވެ. އެގޮތުން ރަށުގެ ކަރަންޓު ޖަނަރޭޓަރާއި، އެއަރފީލްޑް އާއި އާއްމު ސަރަހަައްދު ވަކިކުރާ އޮޅިގަނޑާއި، އެއާޕޯޓުގެ އިދާރީ ހިންގުމުގެ ސާމާނާއި، ފަޔާ ޓެންޑަރއާއި އެމްބިއުލާންސް، އެކްސްރޭމެޝިން ޕަމްޕު ފަދަ ގިނަ އިންވެސްޓުމެންޓުތަކެއް ވިލާ އެއާއިން ކޮށްފައިވާނެ ކަމުގައި ގާސިމް ވިދާޅުވިއެވެ. އަދި ވިލާ ކުންފުނިން އެ އެއާޕޯޓާ ހަވާލުވިއިރު ވަރަށް ބޮޑަށް ރެނދުލައި ހަލާކުވެފައި އޮތް ރަންވޭ މަރާމާތުކުރުމަށް ބޮޑެތި ހަރަދުތަކެއް ހިނގިކަން ގާސިމް ފާހަގަކުރެއްވިއެވެ. 

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ދައުރުގައި ކަންކަން ހިނގި ގޮތް ތަފުސީލުކޮށް ވިދާޅުވެދެއްވަމުން ގާސިމް ފާހަގަކުރެއްވީ ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓު 2017 ވަނަ އަހަރު އަތުލީ 150 މިލިއަން ޑޮލަރުގެ ޕްލޭނެއްގެ ދަށުން ބޭރުގެ ފަރާތަަކާ ގުޅިގެން، އެ އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަށްޓަކައި 99 އަހަރަށް އެއާޕޯޓުގެ ކުލި ބަދަލުކުރަން އެދިފައިވަނިކޮށް، އެކި ބަހަނާތައް ދައްކަވައި ސިވިލް އޭވިއޭޝަނުގެ މިންގަނޑުތަކަށް ނުފެތޭ ކަމަށް ވިދާޅުވެ ރައީސް ޔާމީނު އެއާޕޯޓު އަތުލެއްވި ކަމެވެ. އިތުރަށް ގާސިމު ވިދާޅުވީ އެއާޕޯޓު އަތުލެއްވީ ފުލުހުން ފޮނުއްވަައިގެން ގަދަ ބާރުންނެވެ. އެއްވެސް ބަދަލެއް ނުދެއްވައެވެ. 

ގާސިމު ވިދާޅުވި ގޮތުގައި ޔާމީނުގެ ވެރިކަމުގައި އެއާޕޯޓު ވިލާ ކުންފުނިން އަތުލެއްވުމަށް ނިންމެވީ އެއިރު ރާއްޖޭގެ ސިޔާސީ ލީޑަރުން ހައްޔަރުކޮށް ބަންދުކުރަމުން އައި އައުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިގެންނެވެ. 

އެއާޕޯޓު އަތުލި މައްސަލަ ވިލާއިން ސިވިލް ކޯޓަށް ހުށަހެޅުމުން 2018 ވަނަ އަހަރު އެ ކޯޓުން އެ މައްސަލަ ނިންމީ ވިލާ އެއާ ކުންފުންޏާ އެއްކޮޅަށް ކަމުގައިކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އަދުލުވެރި ބަދަލެއް ނުދީ ވިލާއާއެކު ހެދި އެއްބަސްވުން ގަދަބާރުން ހުއްޓުވައިލި ހުއްޓުވުން ގޯސްކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން މަތީ މަރުހަލާގެ ދެ ކޯޓުންވެސް ދަމަހައްޓާފައިވާ ކަމަށެވެ. 

2022 ވަނަ އަހަރު އެއާޕޯޓު ވިލާއާ ހަވާލުކުރުމުގެ މަސައްކަތް ފެށުނުކަމަށާއި އަލުން އެ އެއާޕޯޓު ވިލާ ކުންފުންޏާ ހަވާލުކުރިއިރު، ހަތް އަހަރު ތެރޭ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްފިނަމަ 50 އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުން 99 އަހަރަށް އިތުރުކުރުމަށް އެއްބަސްވެފައިވާކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި އެ ހަތް އަހަރުގެ މުއްދަތު ކަމުގައިވާ 2023 އިން 2030 އާ ދެމެދުގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް އެ އެއާޕޯޓު ބަދަލުނުކުރެވުނު ނަމަ 50 އަހަރަށް ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އެއްބަސްވުން ދެމިއޮންނާނެ ކަމުގައި ގާސިމް ވިދާޅުވިއެވެ. 

އަދި އެއާޕޯޓުގެ ބަދަލުގައި ފަޅުރަށެއް ނުދީ އޮތުމުގެ ސަބަބުން ބަދަލެއްގެ ގޮތުގައި އދ.އަތޮޅުން ކުޑަ ދެ ދަޅެއް ދިނުމަށްވެސް އެއިރު ސަރުކާރުން އެއްބަސްވިކަން ގާސިމު ފާހަގަކުރެއްވިއެވެ. 

ގާސިމު ވިދާޅުވީ ބަދަލެއް ނުދީ ކާޑެއްދޫ އެއާޕޯޓު ގާނޫނީ އިމުން ބޭރުން އަތުލުމުގެ އިތުރަށް މީރާ މެދުވެރިކޮށް ވިލާއިން ދައުލަތަށް ދޭންޖެހޭ 199 މިލިއަން ޑޮލަރު އެބަހުރިކަމަށް ރައީސް ޔާމީން އަންގަވައިގެން މީރާއިން ނިންމި ކަމަަށެވެ. އެ ދުވަސްތަކަކީ ވިލާގެ ޕާމިޓްތަކާއި، އިމްޕޯޓު ހުއްދަ ބާތިލުކޮށް، ވިލާގެ އެކައުންޓުތައް ގަނޑުކޮށް، އެތަކެއް ހާސް މުވައްޒަފުންނަށް މަހު މުސާރަ ނުދެވި، ފަތުރުވެރިންނަށް ހިދުމަތް ނުދެވި ވިލާއިން ނުހަނު ނިކަމެތި ދުވަސްތަކެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުމާ ހަމައަށް ގާސިމް އަދި ވިލާ ކުންފުނީގެ މުވައްޒފުން ޔާމީނުގެ އަނިޔާވެރިކަމުގެ ހިތްދަތި ވޭން ތަހައްމަލުކުރަންޖެހުނެވެ. 

ގާސިމް އިތުރަށް ވިދާޅުވީ 2022 ވަނަ އަހަރު ވިލާއިން ކާޑެއްދޫ އެއާޕޯޓާ ހަވާލުވި ނަމަވެސް ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަށް އައި ހީނަރުކަމުގެ ސަބަބުން ކުރިމަތިވި މާލީ ތާށިކަމުގެ ނަތީޖާއެއްގެ ގޮތުން ކާޑެއްދޫ އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމުގެ މަސައްކަތް ލަސްވި ކަމަށެވެ. މާމިގިލީގައި ވިލާއިން ތަރައްގީކުރަމުން އަންނަ އެއާޕޯޓު އެކްސްޓަންޝަނުގެ މަސައްކަތް ކުރަމުންދާތީ، އެ މަސައްކަތް ނިމުމުން ހުރިހާ ސާމާނެއް ކާޑެއްދޫއަށް ގެނައުމަށް ރޭވިފައިވާކަމަށްވެސް ވިދާޅުވިއެވެ. 

އިތުރަށް ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރެއްވުމީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުއިއްޒު ގދ.ތިނަދޫ ރައްޔިތުންނަށް ވެވަޑައިގެންފަައިވާ ވައުދުފުޅެއް ކަމަށެވެ. މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި 2024 ވަނަ އަހަރުވެސް އެމަނިކުފާނު އެ ވައުދުފުޅު ތަކުރާރުކުރައްވާފއިވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ތިނަދޫ ފަޅުގައި އެއާޕޯޓެއް ތަރައްގީކުރަން ތައިލޭންޑް ކުންފުންޏަކާއެކު ސަރުކާރުން މަސައްކަތްކުރުމާއެކު ވިލާއިން ކެތްތެރިކަމާއެކު މަޑުކުރީ ސަރުކާރުން ބޭނުންވާ ގޮތަކީ ކިބައިކަން ދެނެގަތުމަށް ކަމުގައެވެ. 

އަދި ތިނަދޫގެ ދާއިރާގެ މަޖިލިސް މެންބަރުންވެސް ސަރުކާރުން ކާޑެއްދޫ އެއާޕޯޓު އަތުލައި ބައިނަލްއަގުވާމީ އެއާޕޯޓަކަށް ހެދުމަށް ބާރުއަޅުއްވާތީ، ސަރުކާރުން ގޮތެއް ނިންމަންދެން އިންޓަނޭޝަނަލް އެއާޕޯޓަކަށް ކާޑެއްދޫ އެއާޕޯޓު ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން މަޑުޖައްސައިލީ ކަމަށް ގާސިމް ވިދާޅުުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓުގެ މަރާމާތަށާއި ހިންގުމަށް ކުރަންޖެހޭ ހަރަދުތައް ހުއްޓުމެއްނެތި ވިލާއިން ކުރަމުން ދިޔައެވެ. 

ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމަށް ޕްލޭނުކޮށް، ފައިސާ ހޯދުމުގެ މަސައްކަތް ހިނގަނިކޮށް، މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރާއި އިތުރު ވަޒީރަކު އޭނާއާ ބައްދަލުކުރައްވައި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަށް ބަދަލުކުރައްވަން އެމަނިކުފާނު ބޭނުންފުޅުވާކަން އަންގަވައި ސަރުކާރަށް ކާޑެއްދޫ ދޫކޮށްލެއްވުމަށް ވިލާއަށް އޮތް މަގަކީ ކޮބައިތޯ އެ ބޭފުޅުން ސުވާލުކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. 

ގާސިމް ވިދާޅުވި ގޮތުގައި ވިލާއިން އެއާޕޯޓަށް މިހާރު ކޮށްފައިވާ އިންވެސްޓުމެންޓުތަކާއި، އަދި އެއާޕޯޓު ހިންގުމަށް ވިލާއިން ކޮށްފައިވާ މަސައްކަތްތަކާއި، ތަރައްގީގެ ޕްލޭނުތަކާއި ހަދާފައިވާ ސާވޭތަކާއި ފައިސާ ހޯދުމަށް ކުރެވުނު ހަރަދުތައް ފަދަ އެތައް ކަމަކަށް ރިއާޔަތްކޮށް ރާއްޖެއިން ބޭރުގެ އިހުތިރާމު ލިބިގެންވާ އޮޑިޓު ފާމެއް ަކމުގައިވާ އާނެސްޓު ޔަންގު މެދުވެރިކޮށް ވެލިއޭޝަންއެއް ހެދުމަށްފަހު އެއާޕޯޓު ސަރުކާރަށް ދޫކޮށްލެވެން އޮތް މަގު ސަރުކާރަށް ވިލާއިން ހުށަހެޅީއެވެ. 

ރައީސް ޑރ.މުއިއްޒަކީ ރައީސް ޔާމީނު ފަދައިން ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ އަތުލައި، އަނިޔާވެރިވާނެ ބޭފުޅަކަށްނުވާތީ އެމަނިކުފާނުގެ ސަރުކާރުން އިސްކަންދިނީ ގާނޫނީ މަރުހަލާގެ ތެރެއިން އެއްބަސްވެވޭ އެދެވޭ ބަދަލއް ދިނުމަށްފަހު ވިލާއެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނެ ގޮތަށް އަމަލުކުރުމަށް ކަމުގައި ގާސިމް ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް އަމަލުކުރެއްވީ ގދ.ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރެވޭނީ ސީދާ ސަރުކާރަށް އެ އެއާޕޯޓު ލިބިގެންކަމަށްވާތީ ކަމުގައި ގާސިމް ވިދާޅުވިއެވެ. 

ގާސިމް ވިދާޅުވި ގޮތުގައި ވިލާ އެއާއަށް ނުހައްގު ބަދަލެއް ދެނީކަން ދޭހަވާ ގޮތަށް ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކީ އެ މައްސަލަ އޮޅުވައިލެއްވުމެވެ. އަދި ޔާމީނަކީ ހަސަދަވެރިއެއް ކަމުގައި ސިފަކުރައްވައި، ގާސިމް ލުނބޯ ކިބައެއްހެން ފެލައިލާނެ ކަމުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު އެމަނިކުފާނު ވިދާޅުވިކަން އެނގި ހުންނަވައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ އޭނާ ވެވަޑައިގެންނެވި ބޮޑު އެހީތެރިކަމާއި ބުރަ މަސައްކަތުންކަން ގާސިމު ފާހަގަކުރެއްވިއެވެ. 

އަދި މީގެ ކުރިންވެސް ވިލާ ކުންފުންޏާއި ގާސިމުގެ އަގުވައްޓަވައިލައްވަން ޔާމީނު އުޅުއްވިކަމަށާއި، އެއީ އޭނާއާއި ކުންފުންޏާމެދު ޔާމީނުގެ ހިތްޕުޅުގައި އޮންނަ ގިލަންވެރިކަމާއި ހަސަދަވެރިކަމެއްގެ ސަބަބުން ކަމުގައި ގާސިމް ތުހުމަތުކުރެއްވިއެވެ. ރޭގަނޑެއްގެ ފުރަ ދަންވަރު އޭނާ އައިސީޔޫގައި އާލާސްކަންފުޅާ އޮއްވަނިކޮށް، ކްރިމިނަލް ކޯޓު ހުޅުވައިގެން ގާސިމުގެ މައްޗަށް ގާނޫނުއަސާސީއާ ހިލާފު ހުކުމެއް ކުރުވި ބޭފުޅަކު އޭނާއާއި އޭނާގެ އާއިލާއާމެދު ކޮށްފައި ނުކުރާނެ ކަމެއް މި އުޑުދަށުގައި ނޯންނާނެ ކަމުގައި ގާސިމް ވިދާޅުވިއެވެ. 

އަދި ގާސިމުގެ ދަިރކަލުން އިބްރާހީމް ސިޔާދު ގާސިމް ހެއްކެއް އަސާސެއް ނެތި ހައްޔަރުކޮށް ފަސް މަސްދުވަހު ޖަލުގައި ގެންގުޅުއްވިކަމާއި ޔާމީނުގެ ވެރިކަމުގައި ހެކިނެތިގެން ސިޔާދު މިނިވަންވިކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ޔާމީނަކީ މީހަކާމެދު އެއްވެސް ސަބަބަކާހުރެ ނުރުހިއްޖެނަމަ އެމީހަކާމެދު ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެ ބޭފުޅެއް ކަމަަށެވެ. 

އެކަމުގެ ހެއްކެއް ކަމުގައި ގާސިމު ފާހަގަކުރެއްވީ ޔާމީނުގެ އެއްބަފާ ބޭބޭފުޅު އަދި ގައުމަށް އެތަކެއް ހިދުމަތެއް 30 އަހަރު ކުރެއްވި ރައީސް މައުމޫނާއި އެމަނިކުފާނުގެ ދޮށީ ދަރިކަލުން ފާރިސް މައުމޫނާއި ރައީސް މައުމޫނުުގެ ދަނބިދަރިކަލުން މުހައްމދު ނަދީމް ރަމަޟާން މަހާއެކު ނުވަ މަހަށްވުރެ ގިނަ ދުވަހު ޖަލުގެ ތޭރިތަކުގެ ތެރޭގައި އެއްވެސް ކުށެއްނެތި ގައިދުކުރެއްވި ބޭފުޅަކަށްވާތީ، ޔާމީނު އެނޫން ދުރުތިބީންނާއި އާއްމުންނާމެދު ނުހިންގަވާނެ އަނިޔާވެރި އެއްވެސް އަމަލެއް ނޯންނާނެކަން ދިވެހި ރައްޔިތުންނަށް އޮޅިފައިނުވާނެ ކަމުގައި ގާސިމް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު