ENGLISH
03 ސެޕްޓެމްބަރު 2025
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ރިވިއުގައި ރާއްޖެއިން ބައިވެރިވެއްޖެ
23 އޯގަސްޓު 2025
|
ބަންޑާރަނައިބު އަހްމަދު އުޝާމް، ފޮޓޯ: ރައީސް އޮފީސް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާގެ ދަށުން، 2018 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓު އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް އިން ރިވިއުކުރުމަށްޓަކައި 20 އޮގަސްޓު ގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.
އެޕްރީލް, 5 2010 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓުގައި، އެ މުޢާހަދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް އެގޮތަށް ލިބިދިނުމަށްޓަކައި، 2010 އިން 2018 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވެ އެވެ. އަދި އެ ރިޕޯޓާ ގުޅިގެން ކޮމިޓީން 2022 ގައި ފޮނުއްވި ސުވާލުތަކަށް ދިވެހިރާއްޖެ އިން ވަނީ އެޕްރީލް 2023 ގައި ޖަވާބު ހުށަހަޅާފައެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފަ އެވެ.
ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަކީ އިންސާނީ ކަރާމާތާ ގުޅިލާމެހިފައިވާ ޙައްޤުތަކެއް ކަމަށާއި، އެއީ ހަމަހަމަ ފުރުޞަތުތަކާއި، ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ޤާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ޙައްޤުތަކެއް ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެއިން ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ގެންގުޅޭ އުސޫލަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ޙައްލުކުރުމުގެ ބަދަލުގައި، ހުރިހާ ދާއިރާއަކުން ޤައުމީ ފެންވަރުގައި އެކުލަވާލައި މައިގަނޑު ސްޓްރެޓެޖީތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް ވަށާޖެހޭ ޙައްލުތަކެއް ހިމެނުންކަމަށް ވިދާޅުވެފައިވެ އެވެ.
މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނެވެ. އަދި މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.
މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް އެޑޮޕްޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓު 2025 ގައެވެ.