ENGLISH

03 ސެޕްޓެމްބަރު 2025

Advertisement

ޗައިނާގައި އޮކްޓޫބަރު މަހު ބާއްވާ ޓްރޭޑް ފެއާގައި ދިވެހި އުފެއްދުންތަކަށް ފުރުސަތު ހުޅުވާލައިފިި

23 އޯގަސްޓު 2025

|

ޢަލީ ޝަހީމް

ޗައިނާގައި މީގެކުރިން ބޭއްވި އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއާއެއްގެ ތެރެއިން. މިއަހަރުގެ ފެއާގައި ބައިވެރިވާން ދިވެހިންނަށް ވަނީ ފުރުޞަތު ހުޅުވާލާފަ.

އަންނަ އޮކްޓޫބަރު މަހު ޗައިނާގައި އޮންނަ 22 ވަނަ ޗައިނާ އިންޓަނޭޝަނަލް އެގްރިކަލްޗަރަލް ޓްރޭޑް ފެއާގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

ފެއާ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެއާ އޮންނާނީ ޗައިނާގެ ޓިއަންޖިންގައެވެ. 

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނީ، ފެއާގައި ބައިވެރިވުމުގެ ފުރުޞަތަކީ، ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ. 

ފެއާގައި ރަޖިސްޓްރީކުރާ އެންމެ ފުރަތަމަ 8 ފަރާތަށް ޚާއްޞަ ފުރުސަތެއް ވަނީ ހުޅުވާލާފައެވެ. އެގޮތުން، އެފަރާތްތަކުގެ ބޫތު ފީ، އަދި ބޫތުގެ ކޮންސްޓްރަކްޝަން ޚަރަދުތައް ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް ރޫރަލް އެފެއާޒުން ދޭގޮތަށް ހަމަޖެހިފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ޓްރޭޑް ފެއާގައި ބައިވެރިވުމުގެ ފުރުޞަތު އޮގަސްޓް 28 ވަނަ ވާ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެ ވުޒާރާއިން އެދުނީ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމަށެވެ. 

ޗައިނާގައި ބާއްވާ މި ފެއާއަކީ ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރީގެ ގިނަ އުފެއްދުންތަކެއް ދައްކާލުމަށް ޚާއްޞަކުރާ ފެއާއެކެވެ. ފެއާގައި ލިބޭ ފުރުޞަތާއެކު އެދާއިރާތަކުން އިމްޕޯޓް ކުރުމާއި ހޯލްސޭލް ކުރުމުގެ ވިޔަފާރި ޕްރޮމޯޓްކުރެވޭނެއެވެ. އަދި، ވިޔަފާރީގެ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ. 

ބޭރު ޤައުމުތަކުގައި ބާއްވާ މިފަދަ ޓްރޭޑް ފެއާތަކުގައި ދިވެހީންނަށް ކޮންމެ އަހަރަކުވެސް ގިނަ ފުރުޞަތުތަކެއް ހުޅުވާލައެވެ. އެ ފުރުޞަތުތަކުގައި މީގެކުރިން ވެސް ދިވެހީންގެ ގިނަ ވިޔަފާރިތައް ވަނީ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި އިޝްތިހާރުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު