ENGLISH
03 ސެޕްޓެމްބަރު 2025
ބީއެމްއެލްގެ އެހީގައި ވޭމަންޑޫ ޒުވާނުންގެ ގުޅުމުން އެރަށު ސްކޫލަށް ސެން ކްލާހެއް
23 އޯގަސްޓު 2025
|
ވޭމަންޑޫ ސްކޫލްގައި ޚިދުމަތްދޭން ފެށި ސެން ކްލާސް. ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ޒުވާނުންގެ ގުޅުމުން އެރަށު ސްކޫލުގައި ސްޕެޝަން އެޑިއުކޭޝަން ނީޑްސް (ސެން) ކްލާހެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުން އެ ކްލާސް އިމާރާތްކުރީ މިދިޔަ އަހަރު ބީއެމްއެލްއިން ދޫކުރި ފަންޑުގެ އެހީގައެވެ.
އެރަށުގައި އަލަށް ފެށި އެ ކްލާސް ރޫމުން ސެންސަރީ އަދި ވޮކޭޝަނަލް ތަމްރީނުތައް ކުރިއަށްގެންދާނެއެވެ. ސެންސަރީ އަދި ވޮކޭޝަނަލް ކްލާސްރޫމެއް ގޮތަށް ތަރައްޤީކުރީ ކުދިންގެ ތަޢުލީމީ ބޭނުންތަކަށް ވިސްނައިގެންނެވެ.
ސެން ކްލާސް ރޫމް މެދުވެރިކޮށް ދަރިވަރުން ހާސިލްކުރާ ލަނޑުދަނޑިތަކުގެ ތެރެއިން، ކެއްކުމާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ވޭމަންޑޫ ސްކޫލުގެ އަމާޒަކީ އެ ޚިދުމަތް ބީއެމްއެލްއާ ގުޅިގެން އިތުރަށް ފުޅާކުރުމެވެ.
ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ބުނީ މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެފަދަ ކްލާހެއް ޚާއްޞަކޮށް، އެކުދިންނަށް ފަހިވާނޭހެން ތަފާތު ހަރަކާތްތައް ހިންގުން ކަމަށެވެ. އެފަދަ ޚިދުމަތެއް އެރަށު ސްކޫލުގައި ފެށުމުގެ ފުރުސަތުދީ އެކަމުގައި އެހީތެރިވެދިން ކަމަށްޓަކައި ބީއެމްއެލްއަށާއި އެހެނިހެން ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބީއެމްއެލްގެ އެހީގައި މިއަހަރު މިހާތަނަށް ވަނީ ހުޅުމާލޭގައި ހުންނަ ޞަލާހުއްދީން ސްކޫލާއި މާލޭގެ ހިރިޔާ ސްކޫލުގައި ސެން ކްލާސްތައް ތަރައްޤީކޮށްފައެވެ.
ބީއެމްއެލްއިން ބުނީ އެ މަޝްރޫޢުތަކާއެކު ގިނަ އަދަދެއްގެ ދަރިވަނުންނަށް ޚިދުމަތް ދެވޭނެ ކަމަށެވެ.
ބީއެމްއެލްއިން އަންނަނީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ. އަދި، އެހެނިހެން މުހިއްމު ދާއިރާތަކުގެ ތަރައްޤީއަށް ވެސް ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް އެހީތެރިކަން ފޯރުކޮށްދެއެެވެ.
ކޮންމެ އަހަރަކުވެސް ބީއެމްއެލްގެ ފަންޑުގެ އެހީގައި ޖަމިއްޔާ ޖަމާއަތްތަކަށް ގިނަ ފުރުޞަތުތަކެއް ހުޅުވާލައެވެ.