ENGLISH
03 ސެޕްޓެމްބަރު 2025
ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލަސިސް ހިދުމަތް ފަށައިފި
23 އޯގަސްޓު 2025
|
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމު ދަރަވަަންދޫ ޑައިލަސިސް ޔުނިޓު ހުޅުވައިދެއްވުން، ފޮޓޯ: ހެލްތު މިނިސްޓްރީ
ބ.ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލަސިސް ހިދުމަތް ތައާރަފުކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލަސިސް ހިދުމަތް ދިނުމަށް ގާއިމުކޮށްފައިވާ ވަސީލަތްތައް އިފުތިތާހުކޮށްދެއްވައި އެ ހިދުމަތް ފައްޓަވައިދެއްވީ ސިއްހީ ކަންކަމާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ދަރަވަންދޫގައި ޑައިލަސިސް ހިދުމަތް ދިނުމަށް ދެ އެނދުގެ ޔުނިޓެއް ގާއިމުކޮށްފައިވާއިރު، އެ ރަށުގައި އެ ހިދުމަތަށް ހާއްސަކޮށް އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކުވެސް އެ ރަށުގައި ބަހައްޓާފައިވާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދިނެވެ.
އަތޮޅު ތެރޭގައި އަސާސީ ބޭސްފަރުވާގެ ހިދުމަތްތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކަށައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، ޑައިލަސިސްގެ ހިދުމަތް އަތޮޅު ތެރޭ ހޮސްޕިޓާތަކަށް ތައާރަފުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޑައިލަސިސް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މިހާރު އެ ހިދުމަތް ތައާރަފުކުރެވިފައިނުވަނީ އދ. އަތޮޅާއި، ވ. އަތޮޅާއި، ފ. އަތޮޅުގެ އިތުރުން ދ. އަތޮޅުގައެވެ.
ޑައިލަސިސްއަކީ ކިޑުނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް މުހިއްމު ޒަރޫރީ ހިދުމަތެކެވެ. އެއީ ކިޑްނީ މަސައްކަތްކުރަަ މިންވަރު ވަކިވަރަކަށްވުރެ ދަށްވުމުން ހަފުތާއަކު ދެ ދުވަހު ނުވަތަ ތިން ދުވަހު ހަށިގަނޑުގައި ދައުރުވާ ލޭ ސާފުކުރުމަށް ހަތަރު ވަރަކަށް ގަޑިއިރަށް ދޭ ފަރުވާއެކެވެ.