ENGLISH
03 ސެޕްޓެމްބަރު 2025
ވިލާގެ ޓެކުހެއް މައާފެއް ނުކުރޭ؛ ކާޑެއްދޫ އެއާޕޯޓުގެ ބަދަލެއްގެ ގޮތުގައި ދެނީ 18 މިލިއަން ޑޮލަރު
23 އޯގަސްޓު 2025
|
ކާޑެއްދޫ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް
ވިލާ އެއާއަށް ދީފައި އޮތް ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނެގުމުގެ ބަދަލުގައި އެ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް މައާފުކޮށްދޭން ސަރުކާރުން ނިންމި ވާހަކައަކީ ދޮގެއްކަން ހާމަވެއްޖެއެވެ.
ބުރާސްފަތިދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންވަނީ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ނެގުމުގެ ބަދަލުގައި، ވިލާ ކުންފުނިން ދައްކަންޖެހޭ 30 މިލިއަނެއްހައި ޑޮލަރު ސަރުކާރުން މައާފުކޮށްދީފައިވާކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ވިލާ ކުންފުނީގެ މުއައްސިސް އަދި ޗެއާމަން މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުވަނީ ރައީސް ޔާމީނުގެ އެ ވާހަކަަތަކަކީ ކަނޑައެޅިގެން އިތުރުފުޅެއްކަަމަށް ވިދާޅުވުމާއެކު، ކާޑެއްދޫ އެއާޕޯޓު ދޫކޮށްލުމުގެ މުއާމަލާތާ ގުޅުންހުރި ލިޔެކިޔުންތައް އެކްސްގައި ޝާައިއުކުރައްވާފައެވެ.
އެ ލިޔެކިޔުންތަކަށް ބަލާއިރު ކާޑެއްދޫ އެއާޕޯޓުގެ ބަދަލުގައި ވިލާ ކުންފުންޏަށް ސަރުކާރުން ދޭން ނިންމާފައިވަނީ އެ ކުންފުނިން ކުރި އިންވެސްޓުމެންޓު އަގުކުރުމަށްފަހު 18 މިލިއަން ޑޮލަރެވެ. އެ ފައިސާ ދިނުމަށް ނިންމާފައިވަނީ 18 މަހަށް ބަހާލައިގެންނެވެ. އެހެންކަމުން މަހަކު އެ ކުންފުންޏަށް ދޭނީ އެއް މިލިއަން ޑޮލަރެވެ.
އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ވިލާއިން އެދުނީ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުގައި 21 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް އިކޮނޮމިކް ކައުންސިލުން ނިންމީ އެ ކުންފުނިން އެދުނު މިންވަރުގެ ބަދަލެއް ދިނުމުގެ ބަދަލުގައި 18 މިލިއަން ޑޮލަރު ދިނުމަށެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި ގާސިމު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ސަރުކާރުން އަމިއްލަ ފަރާތަކަށް ދޫކޮށްލަން ނިންމީ އެއާޕޯޓުން ގެއްލުންވާލެއް ބޮޑުވެގެން ކަމަށެވެ. އަދި އެ އެއާޕޯޓު ވިލާއިން ހިންގަމުން އައީ ބޮޑު ގެއްލުމުގައިކަން ފާހަގަަކުރައްވައި ގާސިމް ވިދާޅުވީ އެއާޕޯޓުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށް ސަރުކާރުން ނިމްީ އެ އެއާޕޯޓަށް ވިލާ ކުންފުނިން ކުރި ބޮޑު އިންވެސްޓުމެންޓަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.
އިތުރަށް ގާސިމު ވިދާޅުވީ އެ އެއާޕޯޓު ސަރުކާރަށް ދޫކޮށްލަން ވިލާ ކުންފުނިން ނިންމާފައިވަނީ އެއާޕޯޓު ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމުން ލިބޭނެ ފައިދާ ރަނގަޅަށް އެނގި ތިބެ ކަމަށެވެ.
ގާސިމް އާއްމުކުރެއްވި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި އެއާޕޯޓުގެ އަގު ކަނޑައަޅާފައިވަނީ ބައިނަލްއަގުވާމީ އޮޑިޓު ފާމެއް ކަމުގައިވާ އާންސްޓް އެންޑް ޔަންގުން ތައްޔާރުކުރި ރިޕޯޓަކަށް ރިއާޔަތްކޮށްފައެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ އެއާޕޯޓުގެ އަގަކީ 18.5 މިލިއަން ޑޮލަރެވެ.