ENGLISH
03 ސެޕްޓެމްބަރު 2025
އަމާޒަކީ ޒަކާތުގެ ދާއިރާއިން ދުނިޔޭގެ "ލީޑިން" ގައުމަށް ރާއްޖެ ހެދުން: ޑރ.ޝަހީމް
23 އޯގަސްޓު 2025
|
ޒަކާތު ކޮންފަރެންސް ފެށުމުގައި ޑރ.ޝަހީމު އަލީ ސައީދު ވާހަކަދައްކަވަނީ، ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މި ސަރުކާރުގެ އަމާޒަކީ ޒަކާތުގެ ދާއިރާއިން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ޤައުމަކީ ރާއްޖެކަމަށް ހެދުން ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ ޒަކާތާ ބެހޭ ބައިނަލްއަޤުވާމީ ފުރަތަމަ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ޝަހީމު ވިދާޅުވީ ޒަކާތަކީ އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ޒަމާނާއި ހާލަތަށް އަންނަ ބަދަލުތަކާ އެކަށޭނެ ގޮތަށް ބަދަލުކުރެވޭނެ ހަމައެކަނި ރުކުން ކަމަށެވެ. އަދި މުޅި ގައުމު ނުފުދިގެން އުޅޭ ޒަމާނެއްގައި މި ޒަމާނުގެ ހާލަތާ އެކަށޭނެ ގޮތަކަށް ޒަކާތުގެ ބެހެނިވެރިންގެ ތެރެއިން ފަގީރުންނާއި މިސްކީނުން މާނަކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ޝަހީމު ވިދާޅުވީ ފަގީރުންނަށް މިއަދު ދިރިއުޅޭނެ ތަނެއް ލިބުމާއި ތައުލީމު ލިބުމަކީ މި ޒަމާނުގެ ދިރިއުޅުމުގެ ޟަރޫރަތްތަަކުގެ ތެރޭގައި ހިމެނޭނެ ކަަންކަން ކަމުގައެވެ. އެހެންކަަމުން މިހާރު އެކުލަވައިލައްވަމުންދަނީ ޒަކާތުގެ ތެރެއިން ފަގީރުންނާއި މިސްކީނުންގެ ދިރިއުޅުމުގެ ޟަރޫރަތްތައް ހަމަޖައްސައިދެވޭނެ ގޮތެއްގެ ތަސައްވުރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިކަން އަޅުގަނޑުމެންނަށް ތަރައްގީ ކުރެވިއްޖެ ނަމަ އަޅުގަނޑަށް ޔަގީން ހެޔޮ މުޖުތަމައެއް ރާއްޖޭގައި އުފެދިގެން ދާނެ ކަން. ހަމަ އެހެންމެ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހުރި ކޮންމެ ބަޔަކީ ވެސް ހަމަ ތަރައްގީ ކުރެވޭނެ ބައެއް،" ޝަަހީމު ވިދާޅުވިއެވެ.
އަދި ޒަކާތާ ގުޅޭ ކަންކަމުގައި ރާއްޖެއަކީ ދުނިޔޭގެ "ލީޑިން" ގައުމު ކަމުގައި ހެދުމަކީ ސަރުކާރުގެ އަމާޒުކަން ހާމަކުރައްވައި ޝަހީމު ވިދާޅުވީ އެ އަމާޒު ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތުގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މިހާރު މަޖިލީހަށް ސަރުކާރުން ހުށަހަޅާފައި އޮތް ޒަކާތު ބިލެވެ. އެ ބިލަކީ ދުނިޔޭގައި އެންމެ ފަހުގެ އިލްމީ ތަޖުރިބާތަކުގެ އަލީގައި އެކުލަވައިލެވިފައިވާ ބިލެއްކަން ފާހަގަކުރައްވަމުން ޝަހީމު ވިދާޅުވީ އެ ބިލަކީ މިހާތަނަށް އިސްލާމީ ގައުމުތަކުގައި އެކުލަަވައިލެވިފައި ހުރި ގާނޫނުތަކަށްވުރެ ފުރިހަމަ ބިލެއް ކަމަށެވެ.
އެހެންކަމުން މީގެ އެތައް އަހަރެއް ކުރިން އެކި ގައުމުތަކުގައި މި ދާއިރާގައި ތަހުސީސް ކުރެވުނު ގާނޫނުތަކަށް ވުރެ ދިވެހިރާއްޖޭގައި ޒަކާތުގެ ބިލް ނުވަތަ ގާނޫނު ވަރަށް ފުރިހަމަ ވާނެ،" ޑރ.ޝަހީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބިލުގައި ޒަކާތުގެ އިދާރީ ކަންކަން މެނޭޖުކުރުމާއި ޝަރުއީ ހަމަތައްވަނީ ލާމެހިފައެވެ. އަދި އިންވެސްޓުމެންޓުތަކަށް ފުރުސަތު އޮތީ ހުޅުވާލާފައެވެ. އެއީ ޒަކާތާ ބެހޭ އެހެން ގާނޫނުތަކުގައި ނެތް ސިފައެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަަ އޮކްޓޯބަރު މަހުގައި އެ ބިލު ފާސްކުރެވޭނެ ކަމުގައި އުންމީދުކުރައްވާކަން ފާހަގަކުރައްވަމުން ޑރ.ޝަހީމު ވިދާޅުވީ އެ ގާނޫނު ފާސްވެ އަމަލުކުރަން ފެށުމުން އެ ގާނޫނު ތަރުޖަމާކުރައްވައި އެހެން ގައުމުތަކަށްވެސް ފޮނުއްވާނެ ކަމަށެވެ.