ENGLISH
03 ސެޕްޓެމްބަރު 2025
ތާވަލުކުރި ވަގުތަށްވުރެ ކުރިން ހުޅުމާލޭ އިންޖީނުގޭގެ މަސައްކަތް ނިންމާލައިފި
23 އޯގަސްޓު 2025
|
ސްޓެލްކޯގެ އެމްޑީއާއި ކުންފުނީގެ ޓީމު
މާލޭ ސަރަހައްދަށް ދެެމެހެއްޓެނެވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ އިންޖީނުގޭގައި ކުރަންޖެހުނު ބޮޑު މަސައްކަތް މިއަދު ހެނދުނު ތާވަލުކުރި ވަގުތަށްވުރެ ކުރިން ނިންމަައިލެވުނުކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.
ސްޓެލްކޯއިން އިއްޔެ ބުނެފައި އޮތީ ހުޅުމާލޭގައި ހުންނަ 50 މެގަވޯޓުގެ އިންޖީނުގޭގައި ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު 6:00 އިން ފެށިގެން 10:00 އާ ދެމެދުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އަދި އެއްވެސް ސަރަހައްދަކުން ކަރަންޓު ކެނޑޭނަމަ ކަރަންޓު ކަނޑައިލުމުގެ ކުރިން އެ ސަރަހައްދެއްގައި އުޅޭ ރައްޔިތުންނަށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން މިއަދު ހެނދުނު ބުނެފައިވަނީ ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލުކުރެެވިފައިވާ ވަގުތަށްވުރެ ކުރިން ނިންމައިލެވިފައިވާ ކަމށެވެ. އަދި އިންޖީނުތައް ލޯޑަށް ލެވި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާއްމު ހާލަތަށް ގެނެވިފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.
އެ މަސައްކަތް ނިމުމާއެކު ލޯޑް ޝެޑްކުރުން ނުވަތަ ބައެއް ސަރަހަައްދުތަކުން ކަރަންޓު ކަނޑައިލުން ހުއްޓައިލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ފޯރުކޮށްދޭނެ ފަށާފައިވާ ކަމަށާއި، އެފަދަ ކަަންކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވާ ދަތިތަކަށްޓަކައި ކަސްޓަމަރުން ކިބައިން މައާފަށް އެދުމާއެކު ކަސްޓަމަރުން ދޭ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރާކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ ހުސައިން ފަހުމީ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލޭގެ 50 މެގަވޯޓުގެ އިންޖީނުގެ ނިއްވާލައިގެން މިއަދު ކުރަންޖެހުނު މަރާމާތުގެ މައި މަސައްކަތް ހެނދުނު 8:43 ގައި ކާމިޔާބުކަމާއެކު ނިންމާލެވުނު ކަމަަށެވެ.
ކުރިން މަސައްކަތް ނިމޭނީ ހެނދުނު 10:00 ގައި ކަމަށް ލަފާކުރެވުނު ނަމަވެސް އެއަށްވުރެ ކުރިން މަސައްކަތް ނިންމައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިވަނީ ސްޓެލްކޯގެ ހިދުމަތްތެރި އިންޖިނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލުކަމާައި، ހީވާގިކަމުން ކަމުގައިވެސް ފަހުމީ ވިދާޅުވިއެވެ.
އަދި އެއީ މުވައްޒަަފުންގެ ހިތުގައި މަސައްކަތަށް އޮތް ލޯތްބާއި، ގައުމަަށް ހިދުމަތްކުރުމުގެ މަތިވެރި ރޫހު މުވައްޒަފުންގެ ކިބައިގައި ހުރުމަކީ އެ މަސައްކަަތް ކާމިޔާބުކަމާއެކު ނިންމައިލެވުމުގެ ސަބަބުތައް ކަމުގައި ފާހަގަަކުރައްވަމުން ފަހުމީވަނީ އެ މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދެއްވާފައެވެ.
އަދި މިފަދަ ހައްސާސް ވަގުތުތަކުގައި ކުރަންޖެހޭ މަސައްކަތްތަކުގައި ގްރޭޓާ މާލޭ ސަރަހައްދުގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކުރައްވަމުން ފަހުމީވަނީ އެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.